ރާއްޖެއިން ހައްޖުގެ އަޅުކަމަށްދާ މީހުންނަށް ފަސޭހަކަމާ އެކު ރާއްޖޭގައި ތިބި އާއިލާ އަދި ރައްޓެހިންނާ މުއާމަލާތްކޮށް ގުޅުން މެދުނުކެނޑި ބޭއްވުމުގެ މަގުސަދުގައި ހައްޖު މޫސުމަށް ހާއްސަކޮށް އުރީދޫއިން ސައުދީ ޕާސްޕޯޓުގެ ނަމުގައި ރޯމިން ސިމެއް ތައާރަފުކޮށްފިއެވެ.

އުރީދޫން އިއްޔެ ބުނީ ހައްޖުގެ އަޅުކަމަށް ކޮންމެ އަހަރަކު ވެސް އެތައް ހާސް ދިވެހިންނެއް އެތައް މިލިއަން މުސްލިމުންނާ އެކު މައްކާއަށް ދަތުރުކުރާ ކަމަށެވެ. ސައޫދީ ޕާސްޕޯޓާ އެކު މި މާތް ދަތުރުގައި ގާތް ތިމާގެ މީހުންނާއި ހައްޖާޖީން ގުޅިފައި ތިބުމާއި ޒަރޫރީ ހިދުމަތްތައް ހޯދައިދިނުމަކީ އުރީދޫގެ އަމާޒު ކަމަށް ބުންޏެވެ.

ސައުދީ ޕާސްޕޯޓް ސިމަކީ 15 ޖީބީ ޑޭޓާ، 60 މިނެޓުގެ ކޯލުކުރުމާއި 60 އެސްއެމްއެސް ރޯމިންގައި ބޭނުންކުރެވޭ ގޮތަށް ބަންޑުލް ކުރެވިފައިވާ ސިމެއް ކަމަށް އުރީދޫން ބުންޏެވެ. އެ ސިމުން ބޭނުން ކުރެވޭ ޑޭޓާއަށް ނަގާނީ އެމްބީއަކަށް 0.99 ރުފިޔާ ކަމަށް އުރީދޫން ބުންޏެވެ.

"ހައްޖު މޫސުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މި ސިމާ އެކު ކޮންމެ ކަސްޓަމަރަކަށް ވެސް ގުޅުމާއި އެސްއެމްއެސް އަދި ޑޭޓާ ރަނގަޅު އަގެއްގައި ބޭނުން ކުރުވިގެންދާނެއެވެ. އުރީދޫގެ ހަރުދަނާ ރޯމިން ކަވަރޭޖާ އެކު ކަސްޓަމަރުންނަށް ހައްޖުގެ ހުރިހާ ސައިޓެއްގައި މުއާމަލާތްކުރުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ. އަދި ސައުދީ ޕާސްޕޯޓް ބޭނުންކުރުމަށް ފޯނަށް ސިމް ލައްވާލުމަށްފަހު އެކްޓިވޭޓް ކުރެވޭނެ،" އުރީދޫން ބުންޏެވެ.

އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރަމުންދާ މުހިންމު ދަނޑިވަޅުގައި އާއިލާއާ ގުޅިފައިވުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އުރީދޫ ސައޫދީ ޕާސްޕޯޓަކީ ކަސްޓަމަރުންނަށް އިތުބާރު ހިފޭ އަދި ހެޔޮ އަގެއްގައި މުވާސަލާތީ ހައްލުތަކެއް ފޯރުކޮށްދީ، ކަނެކްޓިވިޓީގެ މައްސަލަތަކާ މެދު ކަންބޮޑުވުމެއް ނެތި ހައްޖުގެ އަޅުކަމަށް ސަމާލުކަން ދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕާސްޕޯޓެކެވެ. އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މިފަދަ މުހިންމު މުނާސަބަތުތަކުގައި، ކަސްޓަމަރުންނަށް ބޭނުންވާފަދަ ރަގަޅު ހިދުމަތްތައް ފޯރުކޮށް ދިނުމަށް،" ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ އުރީދޫގެ ސައުދޯ ޕާސްޕޯޓް ސިމުގެ ސަބަބުން ހައްޖުވެރިންނަށް ފަސޭހަކަމާ އެކު، ރާއްޖޭގައި ތިބި އާއިލާ މީހުންނާ ފޯނުން ގުޅައިލެވޭނެ ކަމަށެވެ. އަދި އެ ސިމުގެ ސަބަބުން ހައްޖުގެ ބަރަކާތްތެރި އަޅުކަމުގައި އުޅޭ ފަރާތްތަކަށް މުވާސަލާތު ކުރުން ފަސޭހަވެގެންދާނެ ކަމަށެވެ.

މުޖުތަމައުގެ ބޭނުންތައް ފުއްދައިދިނުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް އުރީދޫއިން ކުރާ މަސައްކަތް ބަލައިގަންނަ ކަމަށާއި އުރީދޫގެ ފަރާތުން އިސްނަގައިގެން ރައްޔިތުންނަށް ބޭނުންވާ މިފަދަ ހިދުމަތްތައް ފޯރުކޮށްދޭ ކަމަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވާ ކަމަށް ޝަހީދު ވިދާޅުވިއެވެ.