އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރެއް ހޯދަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)ގެ އިސް ޕްރޮސިކިއުޓަރު ކަރީމް ހާން އެދިވަޑައިގަތުމުން އެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް އިސް ޕްރޮސެކިއުޓަރު ކަރީމް ހާން އެދިވަޑައިގަތީ ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ބޭނުންކޮށް އިންސާނުން ބަނޑަށް ޖެއްސުން، މީހުން މެރުން، އާންމުން ދިރިއުޅޭ އާބާދީތަކަށް އަމާޒުކޮށް ގަސްތުގައި ހަމަލާ ދިނުން އަދި ބަޔަކު ނައްތާލިކަމުގެ ތުހުމަތުގައެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަތަންޔާހޫ އާއި ޔޯވް ގަލަންޓްގެ ހައްޔަރު ކުރުމުގެ އަމުރެއް ހޯދުމަށް ހުށަހެޅުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި ބައިނަލްއަގުވާމީ ގާނޫނަށް ވުރެ އެއްވެސް ގައުމެއް މައްޗެއް ނުވާނެ ކަމަށާއި ހިފާފައިވާ ފަލަސްތީނުގައި ހިނގުރާމައިގެ ޖަރީމާތައް ހިންގާ ފަރާތްތަކުން ޖަވާބުދާރީ ކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރޯމް ސްޓެޓޫޓްގައި ބައިވެރިވާ ގައުމެއްގެ ހައިސިއްޔަތުން އިސްރާއީލުން ގާޒާގައި ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އަމަލު ހިންގިކަން ސާބިތުވާ ވަރަށް އައިސީސީގެ ޕްރޮސެކިއުޓާ އޮފީހުން ހެކި އެއްކޮށްފައިވާ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ކަރީމް ހާން ވަނީ ނަތަންޔާހޫ އާއި ގަލަންޓްގެ އިތުރުން ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރް އާއި ހަމާސްގެ މިލިޓަރީ ވިންގުގެ ކޮމާންޑަރު މުހައްމަދު ދިއާބް އިބްރާހިމް އަލް-މަސްރީ އަދި ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ހެޑް އިސްމާއިލް ހަނީޔޭ ހައްޔަރު ކުރުމުގެ އަމުރަކަށްވެސް އެދިވަޑައިގެންފައެވެ.
ހަމާސްގެ ލީޑަރުން ހައްޔަރުކުރުމުގެ އަމުރަކަށް އެދިވަޑައިގަތީ ބަޔަކު ނައްތާލުން، މީހުން މެރުން، ރަހީނު ކުރުން، ރޭޕު ކުރުން އަދި ލާއިންސާނީ އަމަލު ހިންގިކަމުގެ ތުހުމަތުގައެވެ.
ޚަބަރު
ޚަބަރު