އީރާނުގައި މީގެ 44 އަހަރު ކުރިއާ ހަމައަށް އޮތީ ޚުދުމުޚުތާރު އަނިޔާވެރި ރަސްކަމެކެވެ. އެމެރިކާ އާއި ހުޅަނގުގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދިޔަ ރަސްކަމެކެވެ. އެރަސްކަން ނިމުނީ އެއްއަހަރާއި އެއްމަހާއި ހަތަރު ދުވަހަށް މުޅި އީރާނުގައި ކުރިއަށްގެންދިޔަ އިހުތިޖާޖުތަކާއި މުޒާހަރާތަކުގެ ސަބަބުންނެވެ. އީރާނަށް ގެނެވުނު އިންގިލާބުގެ ނަމަކީ އިސްލާމީ އިންގިލާބެވެ. ތާރީޚަކީ 11 ފެބްރުއަރީ 1979 އެވެ. މި އިންގިލާބުގެ ބާނީއަކީ ނުވަތަ މޭސްތިރިއަކީ ދީނީ ލީޑަރެއްކަމަށްވާ އާޔަތު ﷲ ރޫހު ﷲ ޚުމައިނީއެވެ. އިންގިލާބު ހަގީގަތަކަށްވީ ރަސްގެފާނު ނުވަތަ ޝެހެންޝާހު މުހައްމަދު ރިޒާ ޕަހެލަވީ ގައުމު ދޫކުރައްވައި އާއިލާޔާއެކު ފިއްލެވުމުންނެވެ. މުހައްމަދު ރިޒާ ޕަހެލަވީގެ ދޮށީ ދަރިކަލުން އަދި ރަސްކަން ނިމުނުއިރު ވަލީއަހުދަކަށް ހުންނެވި ރިޒާ ޕަހެލަވީ އަދިވެސް ދުނިޔޭގައި އެބަހުންނެވިއެވެ. އުމުރުފުޅުން 64 އަހަރުވީ ރިޒާ ޕަހެލަވީ އުޅުއްވަނީ އެމެރިކާގެ ވާރޖީނިއާގައެވެ.
އެތަނުގައި ހުންނަވައިގެން ރިޒާ ޕަހެލަވީ ކުރައްވާ ކަމަކީ އީރާނުގެ ވެރިކަމުގެ މައްޗަށް ދައުވާ ކުރެެއްވުމާއި އީރާނުގެ މިހާރުގެ ސަރުކާރު ވައްޓައިލުމަށް އެކިރޭވުންތައް ރޭއްވެވުމެވެ. އޭނާއާއި އޭނާގެ ބައިވެރިންނަށް ހިމާޔަތާއި ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދެނީ އެމެރިކާ ސަރުކާރުންނެވެ. އިސްލާމީ އިންގިލާބުގައި ރަސްކަން އުވައިލުމަށްފަހު ގާއިމުކުރެވުނީ ޖުމްހޫރީ ވެރިކަމެކެވެ. މި ޖުމްހޫރިއްޔާގެ ނަމަކީ އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއެވެ. އިސްލާމިކް ރިޕަބްލިކް އޮފް އީރާނެވެ. މި ޖުމްހޫރިއްޔަތުގެ އަސާސްތަކާއި ރުކުންތައް ބަޔާންވެގެންވަނީ ގާނޫން އަސާސީ ޖުމްހޫރީ އިސްލާމީ އީރާންގެ ނަންދެވިފައިވާ ދުސްތޫރުގައެވެ. މި ދުސްތޫރަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން 3 ޑިސެމްބަރު 1979 ގައި ފާސްކޮށްފައިވާ ދުސްތޫރެކެވެ. އީރާނުގެ ވެރިކަމުގެ ނިޒާމު މީގައި ބަޔާންވެގެންވަނީ ޖުމްހޫރީ ނިޒާމު އޮންނަ އެހެން ގައުމުތަކާ ތަންކޮޅެއް ތަފާތު ގޮތަކަށެވެ. ބައެއް މީހުންގެ ނަޒަރުގައި ޑިމޮކްރަޓިކް ނޫންގޮތަކަށެވެ.
އީރާނުގައި އޮންނަ މި ނިޒާމުގައި ދައުލަތާއި ސަރުކާރުގެ އެންމެ އިސް ވެރިޔަކީ ސްޕްރީމް ލީޑަރެވެ. ރޫހީ ލީޑަރެވެ. ގައުމުގެ މުހިންމު އަދި ބޮޑެތި އެންމެހައި ނިންމުންތައް ނިންމުމާއި ހަމަހުރިހާ ކަމެއްގައި ފަހުބަސް ބުނުމުގެ ބާރުއޮތީ ރޫހީ ލީޑަރަށެވެ. ދީނީ ކަންކަމާއި ދާޚިލީ އަމަނާއި ބޭރުގެ ގުޅުންތަކާއި އަސްކަރީ ކަންކަން ވަކިން ޚާއްސަގޮތެއްގައި އޮންނަނީ ރޫހީ ލީޑަރުގެ ހުކޫމަތުގެ ތެރޭގައެވެ. ރޫހީ ލީޑަރަކީ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރެވޭ ބޭފުޅެއް ނޫނެވެ. ރޫހީ ލީޑަރުކަމަށް ބޭފުޅަކު އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ އެކްސްޕާޓުންގެ ކައުންސިލޭ ކިޔުނު ކައުންސިލަކަށެވެ. އައްޔަންކުރަނީ މުޅި އުމުރަށެވެ. މި ކައުންސިލްގެ ރަސްމީ ނަމަކީ މަޖިލިސް ޚޮބްރިގާން ރަހުބަރީއެވެ. މިއީ 88 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. ކައުންސިލް އެއްތަންވަނީ އަހަރަކު އެއްހަފުތާއަށެވެ. މިއީ ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރެވޭ ކައުންސިލެކެވެ. ދައުރަކީ 8 އަހަރެވެ.
އެކަމަކު މި ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލެވޭނީ އަދި އެހެން ކައުންސިލެއްގެ ރުހުން ލިބޭ ކެންޑިޑޭޓުންނަށެވެ. މިދެންނެވި ދެވަނަ ކަައުންސިލްގެ ނަމަކީ ގާޑިއަން ކައުންސިލެވެ. މި ކައުންސިލުގައި ތިއްބަވަނީ ރޫހީ ލީޑަރު އައްޔަން ކުރައްވާ މެންބަރުންނެވެ. މި ނިޒާމުގައި ޑިމޮކްރަޓިކް ސިފައެއްނެތޭ ބައެއް މީހުން ބުނާ ސަބަބަކީ މިއީއެވެ. އީރާނުގައި ރައީސަކުވެސް ހުންނަވައެވެ. އެއީ ރައްޔިތުންގެ ވޯޓަކުން ހަތަރު އަހަރުގެ ދައުރަކަށް އިންތިޚާބު ކުރެވޭ ބޭފުޅެކެވެ. ރައީސް ޖުމްހޫރު އީރާނެވެ. ޕާލަމަންޓެއްވެސް އޮވެއެވެ. މަޖިލިސް ޝޫރާ އިސްލާމީއެވެ. މިއީ ހަތަރު އަހަރުގެ ދައުރަކަށް ރައްޔިތުން އިންތިޚާބުކުރާ 290 މަންދޫބުން ނުވަތަ މެންބަރުންގެ މައްޗަށް އެކުލެވޭ ޝޫރާ މަޖިލީހެކެވެ. ގައުމުގެ ރައީސްކަމަށްވެސް އަދި ޝޫރާ މަޖިލީހުގެ މެންބަރުކަމަށްވެސް ކުރިމަތިލެވޭނީ ކުރިން ބަޔާންކުރެވުނު ގާޑިއަން ކައުންސިލްގެ ރުހުންލިބޭ ބަޔަކަށެވެ. އެނޫން މީހުން ޑިސްކޮލިފައިކުރެއެވެ. ހަމަ ކޮންމެ އިންތިޚާބެއްގައެވެ.
ގާޑިއަން ކައުންސިލަކީ ރޫހީ ލީޑަރު އައްޔަންކުރައްވާ މެންބަރުންގެ ކައުންސިލަކަަށްވީމާ ރޫހީ ލީޑަރު ރުހިވަޑައިނުގަންނަވާ މީހަކަށް ރައީސްކަމަށްވެސް އަދި ޕާލަމަންޓުގެ މެންބަރުކަމަށްވެސް އާދެވޭނެ ގޮތެއް ނޯވެއެވެ. މުޅި ނިޒާމު ފަރުމާކުރެވިފައިއޮތީ ރޫހީ ލީޑަރަށް ގައުމުގެ ފުރިހަމަ ކޮންޓްރޯލް ލިބިދިނުމަށެވެ. މިއީ އިސްލާމީ އިންގިލާބުގެ ބާނީ އާޔަތު ﷲ ރޫހު ﷲ ޚުމައިނީގެ ހަށިކޮޅަށް ހެޔޮވަރުކޮށްފައި ފަހާފައިވާ ހެދުމެކެވެ. މި ނިޒާމުގެ ދަށުން ރޫހީ ލީޑަރުކަމަށް އެންމެ ފުރަތަމަ ވަޑައިގެންނެވި ބޭފުޅަކީ އާޔަތު ﷲ ރޫހު ﷲ ޚުމައިނީއެވެ. އޭނާ 1989 ވަނަ އަހަރު އަވަހާރަވުމާ ހަމައަށް ހުންނެވީ އެ މަގާމުގައެވެ. ޚުމައިނީ އަވަހާރަވުމުން އެކްސްޕާޓުންގެ ކައުންސިލް އެއްތަންވެފައި ރޫހީ ލީޑަރުކަމަށް އައްޔަންކުރި ބޭފުޅަކީ މިހާރުވެސް އެމަގާމުގައި އެހުންނެވި އާޔަތު ﷲ އަލީ ޚާމަނާއީއެވެ. ރޫހީ ލީޑަރުކަމުގައި ޚާމަނާއީ ހުންނަވާތާ 35 އަހަރު ވެއްޖެއެވެ. އުމުރުފުޅަކީ 85 އަހަރެވެ.
އީރާނުގެ ރައީސަކީ ދެވަނައަށް އެންމެ އިސް ލީޑަރެވެ. ޒިންމާއަކީ ރޫހީ ލީޑަރުގެ އިރުޝާދުތަކާ އެއްގޮތަށް ގައުމު ހިންގެވުމެވެ. މިވަގުތު ރައީސްކަމުގައި ހުންނެވީ އިބްރާހިމް ރައީސީއެވެ. އޭނާ ރިޔާސަތަށް ވަޑައިގެންނެވީ 2021 ވަނަ އަހަރުގެ އިންތިޚާބުގައި ކުރި ހޯއްދަވައިގެންނެވެ. ކުރިން އެއީ އުއްތަމަފަނޑިޔާރެވެ. އުމުރުފުޅަކީ 64 އަހަރެވެ. ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި ހޯމަދުވަހު ރައީސް ރައީސީއަށް ގޮތެއްވެއްޖެކަމަށް ވަނީ ގަބޫލުކުރެވިފައެވެ. ރައީސަކު މަގާމުގައި ހުންނަވަނިކޮށް އަވަހާރަވެއްޖެނަމަ ދެން އެމަގާމަށް ވަޑައިގަންނަވާނީ އެއްވަނަ ނާއިބުރައީސެވެ. ރޫހީ ލީޑަރުގެ ރުހުން އޮތްނަމައެވެ. އެމަގާމުގައި މިވަގުތު ހުންނެވީ ޑރ. މުހައްމަދު މުޚްބަރެވެ. އީރާނުގައި ހުންނަވަނީ އެންމެ ނާއިބުރައީސެއް ނޫނެވެ. އެކި ދައުރުގައި އެކިވަރަށް ތިއްބަވައެވެ. މި ދައުރުގައިވެސް އެގާރަ ބޭފުޅުން އެބަތިއްބެވިއެވެ. އަންހެނަކުވެސް ހިމެނޭގޮތުންނެވެ. މީގެތެރެއިން އިސްބޭފުޅަކީ އެއްވަނަ ނާއިބުރައީސެވެ. ފަސްޓް ވައިސް ޕްރެޒިޑެންޓެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ