ސްކޫލުތައް އޭސީކުރުމަށް ގާތްގަނޑަކަށް 600 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަފީއު އޭނާގެ އަމިއްލަ ބްލޮގުގައި ލިޔުއްވާފައިވާ ގޮތުގައި އޭނާއަށް އެނގިވަޑައިގެންފައިވާ ގޮތުގައި ރާއްޖޭގެ މަދުރަސާތައް އޭސީކުރަން ގަސްތުކޮށްފައި އޮތީ އަވިން ކަރަންޓު އުފައްދައިގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މުޅި ރާއްޖޭގައި އޭސީ ކުރަންޖެހޭ ކްލާސްތަކުގެ އަދަދަކީ 4700 ނަމަ، 9400 އޭސީ ބޭނުން ވާނެ ކަމަށާއި ސްކޫލުތައް އޭސީކުރުމުގެ ކެޕިޓަލް ހަރަދަކީ ގާތްގަޑަކަށް 600 މިލިއަން ރުފިޔާ ކަމަށެވެ.

"އަހަރަކު ކިޔަވައިދެނީ 200 ދުވަސް ކަމުގައި ވެފައި، 15 ކިލާސް ޖާގަ ފިނިކުރަން ގާތްގަޑަކަށް 200x15x265 =795000 ރުފިޔާ ދާނެއެވެ. ރާއްޖޭގައި 212 މަދްރަސާ ހުރި ނަމަ، އަހަރެއްގެ އިލެކްޓްރިކް ހަރަދަކީ 168 މިލިއަން ރުފިޔާއެވެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އޭސީ ބެލެހެއްޓުމުގެ ހަރަދަށްވެސް އަހަރަކު 3.5 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. އަދި މަރާމާތުގެ އަގަށް ވެސް އަހަރަކު ދިހަ މިލިއަން ހަރަދުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ އަހަރަކު ކުރަންޖެހޭ ހަރަދުގެ ޖުމުލަ އަގު 178.5 މިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ކިލާސް ކޮޓަރިތައް ބަންދުކުރެވޭ ގޮތަށް ހެދުމުގެ ހަރަދަށް، 470 މިލިއަން ރުފިޔާ އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އަޅުގަނޑު ބެލީ ކޮންމެ ކިލާސްރޫމް އެއް އޭސީ ކުރެވޭގޮތަށް، ވައި ވަދެނުކުމެވާ ގޮތް ހުއްޓައި، ސީދާ އަވި ނުދޭގޮތް ހަދައި، އާނގަތައް ބަންދު ކޮށްދޭނީ މަދުވެގެން ގާތްގަޑަކަށް 100000 ރުފިޔާއަށް ކަމަށެވެ. މިއީ ބައެއް ކިލާސްކޮޓަރިތަކަށް ބޮޑު އަދަދެކެވެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މަދުރަސާތަކަށް އަލުން ކޭބަލް އެޅުމާއި ތްރީފޭސްގެ ހަތަރު ނަރުން ވައިރުކުރުމާއި ޑީބޯޑުތަކާއި ސްވިޗާއި ސޮކެޓާއި ކޭސިންއާއި އޭސީތައް ގަނެ ހަރުކުރުން ފަދަ ހަރަދުތައް ހިމަނައިގެން ހުރިހާ ކިލާސްތަކެއް އޭސީ ކުރުމުގެ ސާމާނުގެ އަގެއްކަމަށް އަޅުގަނޑު ލަފާކުރަނީ މަދުވެގެން 130 މިލިއަން ރުފިޔާއެވެ.

"އެހެންކަމުން، ރާއްޖޭގެ ހުރިހާ މަދަރުސާތަކެއް އޭސީކުރުމުގެ ކެޕިޓަލް ހަރަދަކީ ގާތްގަޑަކަށް 600 މިލިއަން ރުފިޔާކަމަށް މި ހިސާބުތަކުން ދައްކައެވެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވެފައިވާ ގޮތުގައި މި އަހަރުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ ޕްރޮޖެކްޓެއް ފަށާނެއެވެ. އަދި އަމާޒަކީ ދެ އަހަރުގެ ތެރޭގައު ހުރިހާ ސްކޫލެއް އޭސީކުރުން ކަމުގައި އޭނާ ވިދާޅުވެފައިވެއެވެ.