ޗައިނާގެ ޔުނާންސް ޕްރޮވިންސްގެ ސްޓޭންޑިން ކޮމިޓީއާ ދިވެހި ސަރުކާރުން ބައްދަލުކޮށް، ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެ މަޝްވަރާތައް ކުރެއްވީ ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިން ކޮމިޓީގެ ވައިސް ޗެއާ ލީ ޝިއާއޯސަން މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މިއަދު ބޭއްވި އެ ބައްދަލުވުމުގައި ވިޔަފާރީގެ އިތުރުން ކުޅިވަރުގެ ދާއިރާ އިން ގުޅުން ބަދަހިކުރުމަށް ޔުނާން ޕްރޮވިންސް އާއެކު މަޝްވަރާ ކުރި ކަމަށެވެ. އަދި ރާއްޖެއާއި ޔުނާން ޕްރޮވިންސްއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ ސަބަބުން ކުންމިންގް ފެއާއާއި ކުޅިވަރުގެ ދާއިރާ އިން، ހާއްސަކޮށް ޓޭބަލް ޓެނިސް ފަދަ ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތައް ހޯދުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށްވެސް ބުންޏެވެ.

މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޔުނާން ޕްރޮވިންސްގެ ސްޓޭންޑިން ކޮމިޓީގެ ވައިސް ޗެއާ ރާއްޖެއަށް ކުރެއްވި ދަތުރަކީ އެ ޕްރޮވިންސްއާ ރާއްޖެއާ އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ވިޔަފާރީގެ ރޮނގުންނާއި އިންވެސްޓްމަންޓްގެ ރޮނގުން އިތުރަށް ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ތަނބެއް ކަމަށެވެ.