އާސެނަލަށް ޕްރިމިއާ ލީގު ތަށީގެ އުންމީދު އަދިވެސް އެބައޮތް ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.
ލީގުގެ ފަހު ދުވަހަށް ނުކުންނަ އިރު، ލީގު ތަށީގެ ފުރުސަތު އެންމެ ބޮޑަށް އޮތީ އެންމެ ފަހުގެވެސް ޗެމްޕިއަން މެންޗެސްޓާ ސިޓީއަށެވެ. މި ވަގުތު ސިޓީ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 37 މެޗުން 88 ޕޮއިންޓާއެކުގައެވެ. އެ ޓީމާ އެންމެ ގާތުން ލީގު ތަށްޓަށް ވާދަކުރަމުންދާ އާސެނަލް ދެވަނައިގައި އޮތީ 37 މެޗުން 86 ޕޮއިންޓާއެކުގައެވެ. ސިޓީން ލީގުގައި ކުޅޭ ފަހު މެޗުގައި މިރޭ ވެސްޓް ހަމް ބަލިކޮށްފި ނަމަ، އެ ޓީމަށް ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ތަށި ޔަގީންވާނެއެވެ.
އާސެނަލަށް ދެން ތަށި ލިބެން އޮތީ ސިޓީ ބަލިވެގެންނެވެ. އެ ޓީމުން ލީގުގައި ކުޅޭ ފަހު މެޗުގައި ނުކުންނަން ޖެހޭނީ އެވަޓަންއާ ދެކޮޅަށެވެ.
ސިޓީގެ ނަތީޖާއަށް ބަރޯސާ ވާން ޖެހިފައި އޮތް ނަމަވެސް އާޓެޓާ ހުރީ އުންމީދުގައެވެ. އޭނާއަށް ތަށީގެ ހުވަފެން އަދި ނުނިމެއެވެ.
"އަހަރެން މިހުރީ އަދިވެސް ގަބޫލުކޮށްގެން. އަހަރެމެންނަށް ހައްގު މަގާމެއްގައި މިހާރުވެސް މިއޮތީ. އަހަރެމެންގެ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އުފާވެރި ވަގުތު ކޮޅެއް ހައްގު. އަހަރެމެން މި އުންމީދުކުރަނީ ލީގު ތަށި އުފުލައިލެވޭނެ ކަމަށް. އެ ހުވަފެން އަދި ނުނިމޭ. އެއީ ވެދާނެ ކަމެއް. މިއީ ފުޓުބޯޅަ،" އާޓެޓާ ބުންޏެވެ.
އާސެނަލް ފައިދާ ގޯލުގެ ތަފާތުން ބޮޑުތަނުން ކުރީގައި އޮތް އިރު، ވެސްޓް ހަމް ކައިރިން ސިޓީ އެއްވަރުވެ، އާސެނަލް މޮޅުވެއްޖެ ނަމަވެސް، އާސެނަލަށް ލީގު ލިބޭނެއެވެ. އެހެންކަމުން އާޓެޓާ ފާހަގަކުރި އުންމީދު އަދިވެސް އާސެނަލަށް އެބައޮތެވެ.
އާސެނަލުން އެންމެފަހުން ލީގު ހޯދީ، 2003-04 ވަނަ އަހަރުގެ ސީޒަނުގައެވެ. އެއީ ލީގުގެ އެއްވެސް މެޗަކުން ބަލިނުވެ ހޯދި ލީގު ތަށްޓެކެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު