ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގޮތުން ހިޔާލުތަފާތުވުންތަކެއް އެބަހުރި ކަމަށާއި ނަމަވެސް ދެ ގައުމުގެ ގުޅުން އަލުން ރަނގަޅު ކުރެވޭނެކަމުގެ އުންމީދު ބޮޑު ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ސީއައިއި ބިޒްނަސް ސަމިޓުގައި މިއަދު ވާހަކަދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ ރާއްޖެއާ ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ މަސައްކަތް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ އެކަން ރަނގަޅު ކުރެވޭނެ ކަމަށް. އަޅުގަނޑުވާނެ ބައެއް ފަރާތްތަތާއެކު މަޝްވަރާކޮށްފަ،" ޖައިޝަންކަރު ވިދާޅުވިއެވެ.

ދެގައުމުގެ ގުޅުން ގޯސްވަމުންދާ މި ދަނޑިވަޅުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ރަސްމީ ދަތުރެއްގައި މިމަހުގެ އަށްވަނަ ދުވަހު އިންޑިއާއަށް ވަޑައިގެން ޖައިޝަންކަރާ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމަށްފަހު އެކްސްގައި އެ ދުވަހު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވެފައިވަނީ އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ބައިނަލްއަގުވާމީ މައިދާނުގައިވެސް އިންޑިއާއާއި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އެ ބައްދަލުވުމުގައި ޖައިޝަންކަރު ވަނީ، ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއާއެކު ގުޅުން ބަދަހިކުރަން އިންޑިއާ އިން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ވަނީ އިންޑިއާއިން ނަގައިފައިވާ ދަރަންޏަށް ލުއި ދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައެވެ.

އެ މަޝްވަރާގެ ނަތީޖާއެއްގެ ގޮތުން އިންޑިއާއިން އެ ގައުމުގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ދިވެހި ސަރުކާރުން ގަނެފައިވާ 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑުގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން އަހަރަކަށް ފަސްކޮށްދޭން ވަނީ ނިންމައިފައެވެ.