ރާއްޖޭގައި ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލިމީހުން އުފުލުމަށް ތައާރަފުކުރި އެއާ އެމްބިއުލާންސް ހިދުމަތްތައް ފެށި ފަހުން މިއަދާ ހަމައަށް 140 އަށްވުރެ ގިނަ ދަތުރުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ޝެޑިއުލް ފްލައިޓުތަކަށް ވުރެ އިސްކަންދީގެން، ބަލި މީހުން އުފުލުމުގެ ދަތުރުތަކަށް އިސްކަންދޭ ގޮތަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ އުސޫލު ބަދަލުކުރީ މި އަހަރުގެ ޖެނުއަރީ 20 ގައެވެ. އަދި އެއާ އެމްބިއުލާންސްގެ ހިދުމަތް ސަރުކާރުން ފެށީ މިދިޔަ މާޗް މަހުއެވެ. މާޗް މަހުގެ އެއްވަނަ ދުވަހު އެއާ އެމްބިއުލާންސްގެ ފުލައިޓު ދަތުރުތައް ފެށި އިރު، ސީ ޕްލޭންގެ ހިދުމަތް ފެށީ މާޗް މަހުގެ 15 ގައެވެ.

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ހަލީލް ވިދާޅުވީ، އެއާ އެންބިއުލާންސްގެ ހިދުމަތް ފެށި ފަހުން 192 ބަލިމީހުން އުފުލާފައިވާ ކަމަށެވެ.

"އަދާ ހަމައަށް 148 ދަތުރު ކުރި. ބައެއް ދަތުރުތަކުގައި އެކަކަށްވުރެ ގިނަ ބަލިމީހުން އުފުލި. މޫދަށް ޖައްސާ ބޯޓުގެ 4 ދަތުރު، ބާކީ އެއާ އެންބިއުލަންގެ ހިދުމަތުގެ ދަތުރު. އެ ހިދުމަތް ފެށުމުން ގިނަ ރައްޔިތުންގެ ވަގުތާއި ބަލިމީހުންނަށް ލިބެންޖެހޭ ފަރުވާގެ ކަންކަން އަވަހަށް ފެށިގެން ދިޔަ. ދައުލަތަށްވެސް ފަސޭގަވެގެން އާދޭ. ހަރަދު ކުޑަކަމެއް ނޫން އެއާ އެންބިއުލަންސަކީ،" ހަލީލު ވިދާޅުވިއެވެ.

ގިނަ ދަތުރުތައް ކުރަން ނުޖެހޭ ކަމަށްވަންޏާ ދައުލަތަށްވެސް ހަރަދު ސަލާމަތްކުރެވޭނެ ކަމަށާއި އެ ފައިސާ ސިއްހީ ދާއިރާ ތަރައްގީކުރުމަށާއި ރައްޔިތުންނަށް ބޭނުންވާ ސިއްހީ އިތުރު ހިދުމަތްތައް ކުރިއެރުވުމަށް އަދި ހަރަދުކުރުމަށް ފަހަަށް ރައްކާކުރެވޭނެ ކަމަށް ހަލީލު ވިދާޅުވިއެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތުގައި މިހާރު ބޭނުންކުރާ ފުލައިޓާއި ސީޕްލޭންގެ އިތުރުން ހެލިކޮޕްޓަރެއް ވެސް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.