ޓްރީ ޓޮޕް ހޮސްޕިޓަލުން އައިވީއެފް ފަރުވާ ހޯދި ދެ މީހަކު ވިހައިފިއެވެ. މިއީ ރާއްޖޭގައި އައިވީއެފް ހަދައިގެން ލިބުނު ފުރަތަމަ ދެ ކުދިންނެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި މިދިޔަ އަހަރުގެ މެއި މަހު ހުޅުވި ފާޓިލިޓީ ސެންޓަރުގެ ފުރަތަމަ ބެޗުގައި 16 މީހުން އައިވީއެފް ހެދިއެވެ. އޭގެ ތެރެއިން އެމްބްރިޔޮ ޓްރާންސްފާ ހެދި 10 މީހުންގެ ތެރެއިން ހަ މީހުން ބަނޑުބޮޑުވިކަން ކުރިން އިއުލާންކުރިއެވެ.
ޓްރީ ޓޮޕްގެ އައިވީއެފް ފަރުވާގެ ދަށުން ފުރަތަމަ ކުއްޖާ އުފަންވީ މިދިޔަ އާދީއްތަ ދުވަހުއެވެ. ދެވަނަ ކުއްޖާ އުފަންވީ އިއްޔެއެވެ. ދެ ކުދިންވެސް ނެގީ ސިޒޭރިއަން ހަދައިގެން ކަމަށެވެ. އެ ދެ ކުދިންނާއި މަންމަގެ ހާލުވެސް ރަނގަޅު ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހޮސްޕިޓަލުގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވީ އައިވީއެފް ފަރުވާ ހޯދައިގެން ފުރަތަމަ އުފަންވި ކުއްޖާގެ މަންމައަކީ 36 އަހަރުގެ މީހެއް ކަމަށާއި އޭނާއަކީ ރާއްޖެ އިން ބޭރުން މީގެ ކުރީން ހަތަރު ފަހަރަށް އައިވީއެފް ހަދާފައިވާ މީހެއް ކަމަށެވެ. ދެވަނައަށް އުފަންވި ކުއްޖާގެ މަންމައަކީ 33 އަހަރުގެ މީހެއް ކަމަށް ވިދާޅުވިއެވެ.
"އައިވީއެފްއަކީ ދުނިޔޭގައި ކުރާ ކަމެއް ނަމަވެސް ރާއްޖޭގައި މުޅިން އަލަށްވީމަ. މީގަ ދިމާވި އެންމެ ބޮޑު އެއް ޗެލެންޖަކީ ރާއްޖޭގައި މުޅިން ކޮންޕްލީޓްކޮށް އައިވީއެފް ސެންޓަރެއް ގާއިމުވެފައެއް ނެތް. މެޑިކޭޝަން އެންމެ ފުރިހަމަ ގޮތުގައި ދިނުން އެއީ މިހާރުވެސް ހައްލު ނުވެފައި އޮތް ކަމެއް. މި ހިދުމަތް ހަމައެކަނި ޓްރީޓޮޕް ހޮސްޕިޓަލުން ލިބެން ހުރުމުން އިމްޕޯޓް ކުރުމުގެ ގަވާއިދު ހުންނަ ގޮތުން ގިނަ ފަހަރަށް ކޮންމެ ޕޭޝަންޓަކަށް ޕްރިސްކްރިޕްޝަން ކޮންމެ ޕޭޝަންޓަކަށް ވަކިން ދޭން ޖެހެނީ،" އާދިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އައިވީއެފްގެ ހިދުމަތް އެ ހޮސްޕިޓަލުން ދޭން ފެށިތާ ކުރީކޮޅު ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި ބައެއްް ދެމަފިރިން ރާއްޖެ އިން އެ ފަރުވާ ހޯދަން ފަސްޖެހުނު ކަމަށެވެ. އަދި އައިވީއެފްގެ ކާމިޔާބީ ބެލުމަށްފަހުގައި މެނުވީ ރާއްޖެ އިން އެ ފަރުވާ ނަގަން ބޭނުން ނުވާ ދެމަފިރިންވެސް ތިބި ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު