ޕޮންޒީ ސްކީމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފިއެވެ.
އަލްހާންގެ އިތުރުން މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީއާއި ޝަޒްބާން ފަހުމީގެ މައްޗަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ މައްސަލައިގައި އެއިން ކޮންމެ މީހެއްގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް ކުރާ ކަމަށެވެ.
އެ ދައުވާތައް ކޮށްފައިވަނީ އެ ތިން މީހުންގެ އާއިލީ ކުންފުންޏެއް ކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިންސް އިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖުތަކުން މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ދައްކައިގެން، އާންމު އެކި މީހުން އަތުން އެކި އަދަދުތަކުން ފައިސާ ނެގުމަށްފަހު، އެ ފައިސާ އިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ ފައިސާ ޓަކައިގެންފައިވާތީއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، ކިންގްސް ކެޕިޓަލް ހޯލްޑިންސް އިން އާންމުކޮށްފައިވާ ސްކީމަށް އެކި މީހުން 98 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓް ކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ އޭގެ ތެރެއިން 13 މީހުންގެ ބައިގައި ކަމަށެވެ.
އެ ސްކީމާ ގުޅިގެން އިތުރު ބައިތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި އެ ބައިތަކުގެ ތަހުގީގު ނިންމައި އެ އޮފީހަށް ހުށަހެޅުމުން، އެ ބައިތައް ދިރާސާކުރުމަށްފަހު އެ މައްސަލައިގައި އިތުރު ދައުވާތައް ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް ބުންޏެވެ.
މި މައްސަލައިގައި ފުލުހުން މީގެ ކުރިން ވަނީ ކޯޓު އަމުރެއް ދަށުން ކިންގްސް ކުންފުނީގެ އޮފީސް ބަލައި ފާސްކޮށް، ކޯޓު އަމުރެއްގެ ދަށުން އަލްހާންގެ ޕާސްޕޯޓާއި ފޯނުވެސް ހިފަހައްޓައިފައެވެ. މީގެ ކުރިން ވަނީ ކިންގްސް ކުންފުނީގެ އެކައުންޓްތައް ވެސް ބޭންކުން ފްރީޒްކޮށްފައެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ އެ ކުންފުނީގެ އެކައުންޓްތައް ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށެވެ.
މިއަދުގެ އަޑުއެހުމަށް އެ ތިން ބެއިންވެސް ހާޒިރުވީ ވަކީލަކާ ނުލައެވެ. އަދި ވަކީލަކު ހަމަޖައްސަން ފުރުސަތު ދިނުމަށް ކޯޓުގައި އެދުނެވެ. އަލްހާން އަދި ޝަހުބާން އެދުނީ އެކަމަށް އެއް މަސް ދުވަހުގެ ފުރުސަތެއް ދިނުމަށެވެ. ޝަޒުބާން އެދުނީ ދެ މަސް ދުވަހުގެ ފުރުސަތަކަށެވެ.
މިއަދުގެ އަޑުއެހުމުގައި މާލީ ހާލަތު ދަށްކަމުގެ ވާހަކަ އެ ތިން ބެއިންވެސް ފާހަގަކުރިއެވެ. އެކަމާ ގުޅިގެން ދައުލަތުގެ ފަރާތުން ހިލޭ ވަކީލަކު ހަމަޖެއްސުމުގެ ހައްގު ބޭނުންކުރުމުގެ ފުރުސަތު މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ދެއްވިއެވެ.
ނަމަވެސް އެ ތިން ބެއިންވެސް ވިދާޅުވީ އެ ހާލަތަށް އަދި ނުދާ ކަމަށެވެ. އެހެންކަމުން އަމިއްލައަށް ވަކީލުން އައްޔަން ކުރަން ބޭނުން ކަމަށް ބުންޏެވެ.
އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން ވަކީލަކު ހަމަޖައްސަން އެއް މަަސް ދުވަހުގެ ފުރުސަތު ދެވެން ނެތް ކަމަށާއި ގާނޫނުން ޖާގަ ދެނީ އެންމެ ގިނަވެގެންވެސް 15 ދުވަހުގެ ފުރުސަތެއް ދިނުމަށް ކަމަށެވެ. އެހެންކަމުން ވަކީލުން ހަމަޖައްސަން ތިން ބެއިންނަށް 15 ދުވަހުގެ މުއްދަތެއް ގާޒީ ދެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު