އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ރާއްޖެއަށް ވާރޭ ވެހޭ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ،

މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެއަށް ވަނީ ހުޅަނގު މޫސުން ފެށިފައެވެ. އެގޮތުން ފުރަތަމަ ހުޅަނގު މޫސުން ފެށިފައިވަނީ ދެކުނުގެ ސަރަހަދުތަކަށެވެ. އަދި މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ކުރިއަށް އޮތް ހަތަރު މަސް ދުވަހަކީވެސް ވިއްސާރަ މަސްތަކެއް ކަމަށާއި އެ މުއްދަތުގައި ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ. އަދި އެހެން އަހަރުތަކާ އަޅައިބަލާއިރު މި އަހަރު ވާރޭ ވެހޭނެ މިންވަރު އިތުރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ހަފުތާ ބަންދާ ދިމާކޮށް، ބުރާސްފަތި ދުވަހުން ފެށިގެން އާދިއްތައާ ހަމައަށް، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަކޮށް ގަދައަށް ވާރޭވެހޭނެ ކަމަށެވެ.