ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކޮށް ޓީޗަރުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމެއް ފެށުމަށް ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަހަރު ފަށާ ދިރާސީ އަހަރުގައި ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ގިނަ ޕްރޮޖެކްޓުތަކެއް ފެށުމަށް ރޭވިފައިވާ ކަމަށެވެ.
އެގޮތުން މިއަހަރުގެ ތެރޭގައި ފަށާ ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމާއެކު މުދައްރިސުންނަކީ ގަދަރުވެރި ބައެއްކަމަށް ހެދުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި މުދައްރިސުން ސްކޫލްތަކުގައި ހޭދަކުރާ ވަގުތު މަދުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ މިއަހަރުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ ޕްރޮޖެކްޓެއް ވެސް ފެށިގެންދާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ދެ އަހަރު ތެރޭގައި ކޮމިއުނިޓީގެ އެހީތެރިކަމާއެކު ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނަން. އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާ އެކު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މި މެއި މަހުގެ ފަހު ހަފުތާގައި އިފްތިތާހު ކުރާނަން" ޝަފީއު ވިދާޅުވިއެވެ.
ހުރިހާ ސްކޫލެއް އޭސީކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި މިވަނީ ސްކޫލްތަކުގެ ކްލާސްރޫމްތައް ހޫނުކަމުގެ ޝަކުވާ އާންމުން ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ވަކި ދުވަސްވަރުތަކެއްގައި ރާއްޖޭގެ ހޫނުމިން މާ މައްޗަށް ދާތީ އޭސީއާ ނުލައި ކިޔަވައިދިނުން ކުރިއަށް ގެންދިއުން ރަނގަޅު ނޫން ކަމަށް ބެލެނިވެރިން ވެސް ދަނީ ބުނަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު