ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު މެޝިންތަކުން ވެއިޝިން ޕޭ ނުވަތަ ބައިނަލްއަގުވާމީ މާކެޓްގެ އާންމު ނަމުން ނަމަ ވީ ޗެޓް ޕޭ ބޭނުންކުރެވޭ ގޮތް ހެދުމުން އެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަރުހަބާ ދަންނަވައިފިއެވެ.

މިނިސްޓަރު ސައީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަށް ވީ ޗެޓް ޕޭ ތައާރަފުކުރުމުން ރާއްޖެ ޒިޔާރަތްކުރާ ފަރާތްތަކާއި ވިޔަފާރިތަކަށް ފައިސާ ދެއްކުމުގައި އިތުރު ފަސޭހަތަކެއްވެ، ފައިސާ ދެއްކުމުގެ ނިޒާމު ހަރުދަނާވެގެންދާނެ ކަމަށެވެ.

ބީއެމްއެލުން މިއަދު ބުނި ގޮތުގައި ވީޗެޓް ޕޭ، އެ ބޭންކުގެ ޕީއޯއެސް ޓާމިނަލް ނެޓްވޯކްގައި ބޭނުންކުރެވޭ ގޮތް ހަމަޖެހުމާއެކު ޗައިނާގެ މަގުބޫލު އެޕުން ކިއުއާރު ޕޭމަންޓްތައް ވިޔަފާރިތަކަށް މިހާރު ފައިސާ ބަލައިގަނެވޭނެއެވެ. މީގެ ކުރިން ވީޗެޓް ޕޭ ލިބެނީ ހަމައެކަނި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށެވެ.

ބީއެމްއެލްއަކީ ރާއްޖޭގައި މާޗަންޓް ޕޭމަންޓް ސޮލިއުޝަން އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެކި ވިޔަފާރި ސެގްމެންޓްތަކާއި ކަސްޓަމަރުން ބޭނުންވާ ގިނަ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ފޯރުކޮށްދޭ ބޭންކެކެވެ.

އެގޮތުން އެމެރިކަން އެކްސްޕްރެސް، ވިސާ، މާސްޓަކާޑް، ޔޫނިއަން ޕޭ ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ އިތުރުން ބީއެމްއެލް ޕޭ، އަލީ ޕޭ، އެޕަލް ޕޭ، އަދި ގޫގުލް ޕޭ ފަދަ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް ފައިސާ ބަލައިގަނޭވޭ ހިދުމަތް ބީއެމްއެލުން ދަނީ ފޯރުކޮށްދެމުންނެވެ.