ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްޒޭޝަން ހަސަން ޒަރީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވިއެވެ. ރައީސް މުއިއްްޒު އިސްކަންދެއްވާ ތަރުތީބުން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ދެ ބޭފުޅުންގެ ތެރެއިން ލިސްޓުގެ ކުރީގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްޒޭޝަން ޔަޒީދު މުހައްމަދުގެ ނަމެވެ. ޒަރީރުގެ ނަން ހިމަނުއްވާފައި ވަނީ ދެވަނައަށެވެ.
މަޖިލީހުގެ އިގުތިސޯދީ ކޮމިޓީން އެ ދެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، އެ ބޭފުޅުންނަށް ކޮމިޓީން ރުހުން ދޭން ފެންނަ ކަމަށް ނެގި ވޯޓުގައި އެ މަގާމަށް ޔަޒީދު އައްޔަންކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތަރު މެންބަރުންނެވެ. ނަމަވެސް ޒަރީރަށް ރުހުން ދޭން ފާސްކުރީ 10 މެންބަރުންގެ ވޯޓުންނެވެ.
އެހެންކަމުން އެގޮތަށް ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓުގައިވާ ގޮތަށް އެ މަގާމަށް ޒަރީރު އައްޔަން ކުރަން ރުހުން ދިނުމަށް މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި 48 މެންބަރުންގެ ތެެރެއިން 45 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު