ރާއްޖެއިން 10،000 ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ފައިސާ ބޭރަށް ގެންދާ ހާލަތުގައި ފައިސާ ޑިކްލެއާކުރަން އޮންނަ އުސޫލު ހަރުކަށި ކޮށްފިއެވެ.

މީގެ ކުރިންވެސް 10،000 ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ފައިސާ ބޭރަށް ގެންދާ ނަމަ ކަސްޓަމްސްއިން އެ ފައިސާ ޑިކްލެއާކުރަން ޖެހެއެވެ.

ހޯމް ސެކްޓާއިން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ 10،000 ޑޮލަރަށްވުރެ އިތުރަށް ރާއްޖެއިން ބޭރަށް ގެންދާނަމަ އެ ފައިސާގެ މަސްދަރު ސާބިތުކޮށްދޭން ޖެހޭނެ ކަމަށާއި އެ ފައިސާ ހޯދި ގޮތުގެ ތަފްސީލުވެސް ދޭން ޖެހޭނެ ކަމަށެވެ.

"ދިވެއްސަކު ވިޔަސް، ބޭރު މީހަކު ވިޔަސް، ރާއްޖޭން ބޭރަށް، 10،000 ޑޮލަރަށްވުރެ މަތިން، ދިވެހި ފައިސާ ވިޔަސް، ބޭރު ފައިސާ ވިޔަސް، އެ ހިފަހައްޓާފައި ރަނގަޅަށް ޑިކްލެއާކުރުން، މާނައަކީ އެއީ ކޮންތާކުން ކިހިނެއް ލިބުނު އެއްޗެއްތޯ ގާނޫނީ އިމުގެ ތެރެއިން ބަލާއިރު އެއީ ހަމަޖެހޭ ވާހަކައެއްތޯ އެމީހާ އެ ދައްކަނީ، ބަލާފައި އެ ޑިކްލަރޭޝަން ނިމުނީމަ ނޫނިއްޔާ އެ ފައިސާ އަޅުގަނޑުމެން ދުލެއް ނުކުރަން،" އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، މީގެ ކުރީގައި ބައެއް ބިދޭސީން މަަސައްކަތްކުރުމަށް ރާއްޖެ އައިސް، ހަފުތާއަކު އެއް ފަހަރު ތިން ލައްކަ ނުވަތަ ހަތަރު ލައްކަ ޑޮލަރުވެސް ރާއްޖެއިން ބޭރަށް ގެންގޮސްފައި އެބަހުރި ކަމަށެވެ.

އިހުސާން އިތުރަށް ވިދާޅުވީ، ފައިސާ ޑިކްލެއާކުރަން އޮންނަ އުސޫލު ހަރުދަނާކުރުމާއެކު، ގަވައިދާ ހިލާފަށް ބޮޑެތި އަދަދުން ނަގުދު ފައިސާ ބޭރުކުރުން ގާތްގަނޑަކަށް ހުއްޓުމަކަށް ގެނެވިފައިވާ ކަމަށެވެ.