ގާ ހުދުވުމުގެ މައްސަލަތަކާ ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފިއެވެ.
އީޕީއޭ އިން މިރޭ ކުރި އިއުލާނެއްގައި ބުނީ މި ދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާ ހުދުވަމުންދާ ދުވަސްވަރެއް ކަމަށެވެ. މިފަދަ ދުވަސްވަރެއްގައި ހިންގާ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވުން، އަދި އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"މިގޮތުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވުމުންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި، ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ، މި މަސައްކަތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަންކަމެވެ..،" އީޕީއޭ އިން ބުންޏެވެ.
ރާއްޖޭގެ ފަރުތަކަކީ ދިވެހި ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅިލާމެހިފައިވީ އެއްޗަކަށްވާ އިރު، ދުނިޔޭގެ ފިނިހޫނުމިން މަތިވުމާ ގުޅިގެން މެދުވެރިވާ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަކީ ރާއްޖޭގެ ފަރުތަކުގެ ދެމެހެއްޓުމަށް ކުރުން މުހިންމު ކަމެއް ކަމަށް އީޕީއޭ އިން ބުންޏެވެ. އަދި އެއީ ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިގުތިސޯދުގެ މައި ދެ ތަނބު ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި މުހިންމު ކަމެއް ކަމަށް އީޕީއޭ އިން ބުންޏެވެ.
ދުނިޔޭގެ ކަނޑުތަކުގެ ފިނި ހޫނުމިން ބެލުމަށް، އަދި ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާ ހުދުވުމުގެ ހާދިސާތައް ކުރިއާލައި ލަފާކުރުމަށް އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަނުން ހިންގާ "ނޭޝަނަލް އެންވަޔަރަންމަންޓަލް ސެޓަލައިޓް ޑޭޓާ އެންޑް އިންފޮރމޭޝަން ސާވިސް" ޕްރޮގްރާމުން އެންމެ ފަހުން ނެރެފައިވާ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު ރާއްޖެ މިވަގުތު އޮތީ "އެލާޓް ލެވަލް 1" ގައި ކަމަށް އީޕީއޭ އިން ބުންޏެވެ. އަދި ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން ގާ ހުދުވާ ކަމުގެ ރިޕޯޓާއި އެކަމާ ގުޅޭ މައުލޫމާތު ދަނީ ލިބެމުން ކަމަށް ބުންޏެވެ.
- ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ފަރުތަކަަށް ސީދާ އަދި ނުސީދާ ގޮތުން އަސަރުކުރާ ތިރީގައި ބަޔާންކޮށްފައިވާ މަސައްކަތްތައް އީއައިއޭ އާއި ބިންހިއްކުމާއި ފަޅު ފުންކުރުމުގެ ހުއްދައިގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަގުތީ ގޮތުން ހުއްޓާލުން.
- 1.1 - ބިންހިއްކުން، ފަޅުކޮނުން، ގޮނޑުދޮށަށް ވެލި އެޅުން، ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުން، ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން، ބަންޑުވޯލް ޖެހުން އަދި މިނޫނަސް މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން.
- 2 - މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި އީޕީއޭއަށް ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން 1.1 ގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރުމުގެ ގޮތުން 10 ޖޫން 2024 ގެ ފަހަށް އެ މަސައްކަތްތަކުގެ މަސައްކަތުގެ ތާވަލު މުރާޖައާކުރުން.
ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް އެންމެ ފުރަތަމަ ފަހަރަށް 1998 ވަނަ އަހަރު ފާހަގަކުރެވުނު ފަހުން، އެފަދަ ހާދިސާތައް މެދުވެރިވާ މިންވަރު ގާތްވަމުން އަންނަކަމަށް ފާހަގަ ކުރެވޭ ކަމަށް އީޕީއޭ އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު