ސައުދީ އަރަބިއްޔާގެ ސަރުކާރުގެ އެހީގައި މާލޭގެ އިރުމަތީފަރާތުގައި ހަދާފައި ހުރި ކިންގް ސަލްމާން މިސްކިތަށް މިހާރުން މިހާރަށް ބޭނުންވާ މަރާމާތަށް އެކަނިވެސް ހަ މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި އަމާޒަކީ ހައްޖުގެ ފަހުން އެ މިސްކިތް ރަސްމީކޮށް ހުޅުވުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ކަންތައްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެ މިނިސްޓްރީގެ ހޯލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ސަލްމާން މިސްކިތުގެ ފިނިކުރުމުގެ ނިޒާމު އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ.

"ފިނިކުރުމުގެ ނިޒާމު މައްސަލަތައް ޖެހިފައި މިހުރީ އެތާނގައި ހުރި ސިސްޓަމްތައް ހަލާކުވެފައިހުރުމުގެ ސަބަބުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ މައްސަލަ ކުރިމަތިވީ، ވަގުތީ ގޮތުން މިސްކިތް ހުޅުވައި ބޭނުންކުރަމުން އައި ނަމަވެސް އެކަށީގެންވާ ވަރަށް މެއިންޓަނެންސް މަސައްކަތްތައް ކުރެވިފައި ނެތުމުން ކަމަށެވެ.

"މިވަގުތަށްވެސް ހައްލުކުރުމަށް ހައެއްކަ މިލިއަން ހަރަދުވާނެ. އެ ފައިސާ ސަަރުކާރުން ގެންދަވަނީ ހަމަޖައްސަވައިދެއްވަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އަމާޒަކީ، ސަލްމާން މިސްކިތުގެ މަސައްކަތްތައް ދިވެހިން ލައްވާ ކުރުމުން ކަމަށެވެ. އަދި މަރާމާތުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ މިސްކިތް ހުޅުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ހައްޖުގެ ފަހުން ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ މަސައްކަތް މިދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސަލްމާން މިސްކިތް ހުޅުވުމަށް ސައުދީން ރަނގަޅު ސަހުސިއްޔަތެއް ގެންނާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް ވިދާޅެއް ނުވެއެވެ.

ކިންގް ސަލްމާން މިސްކިތް މީގެ ކުރިން ހުޅުވަން ނިންމާފައި އޮތީ 2020 ވަނަ އަހަރުގެ މާޗު މަހުގައި ސައުދީގެ އިސްބޭފުޅުން ވަޑައިގެންނެވެ. ނަމަވެސް ކޮވިޑާ ގުޅިގެން މިސްކިތް ހުޅުވުން ފަސްކުރި ގޮތަށް، އަދިވެސް އެތަން ރަސްމީކޮށް ހުޅުވައިފައެއް ނުވެއެވެ. ނަމަވެސް 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު އެ މިސްކިތް ވަގުތީ ގޮތުން ވަނީ ހުޅުވައިފައެވެ.

ކިންގް ސަލްމާން މިސްކިތަކީ 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން އިމާރާތްކޮށްފައިވާ މިސްކިތެކެވެ. އެ މިސްކިތުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެ މިސްކިތުގެ އެތެރެބައިގައި 4000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެއެވެ. އަދި ގޯތިތެރެއާ އެއްކޮށް 10،000 މީހުންނަށް ނަމާދުކުރެވޭނެއެވެ.