މާލޭ އިންޑަސްޓްރިއަލް ވިލެޖް ސާފުކޮށް އެތަނުން 928 ޓަނުގެ ކުނި ނަގައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މިދިޔަ ހޮނިހިރު ދުވަހު އިންޑަސްޓްރިއަލް ވިލެޖު ސާފު ކުރުމުގެ މަސައްކަތް ފަށައިފައެވެ. އެ މަސައްކަތުގައި ވެމްކޯ، ލޯކަލް ގަވަނެންސް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ފުލުހުން ދަނީ ބައިވެރިވަމުންނެވެ.

ވެމްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ތިން ދުވަހުގެ ތެރޭގައި އިންޑަސްޓްރިއަލް ވިލެޖުން 928 ޓަނުގެ ކުނި ނަގައި ސާފު ކޮށްފައިވާ ކަމަށެވެ.

ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ "ވަން" އަށް މިރޭ ވިދާޅުވީ އިންޑަސްޓްރިއަލް ޒޯން އެއްކޮށް ސާފު ކުރުމަށްފަހު އެ ތަނުގައި ސެކިއުރެޓީ ގާޑެއް ބަހައްޓާނެ ކަމަށެވެ.

ކައުންސިލުން ބުނީ އެތަން ސާފު ކުރުމަށްފަހުގައި ބޮޑެތި ކުނިތައް ހިފައިގެން އިންޑަސްޓްރިއަލް ޒޯންގެ ހުރިހާ ދިމާއަކަށް އެއްވެސް ފަރާތަކަށް ނުދެވޭނެ ކަމަށާއި ކުނިތައް ހިފައިގެން ދެވޭނީ ހަމައެކަނި ވެމްކޯ ސައިޓު ހުންނަ ދިމާއަށް ކަމަށެވެ.

އިންޑަސްޓްރިއަލް ޒޯނުގައި ގާނޫނާއި ގަވާއިދާ ހިލާފު ކަންތައްތަކެއް ވެސް ކުރަމުންދާތީ އެކަން ހުއްޓުވުމުގެ ގޮތުން އެ ސަރަހައްދުގައި ލައިޓް ޖަހައި އަލި ކުރުމުގެ މަސައްކަތް ވެސް ކައުންސިލުން ކުރާނެ ކަމަށް ޝަތުފާ ވިދާޅުވިއެވެ.

އިންޑަސްޓްރިއަލް ޒޯން ސާފު ކުރުމުގެ މަސައްކަތް ފަށައިފައިވަނީ އެތަން ސާފުނުކޮށް ގިނަ ދުވަސްވުމުން ބަލިތައް އިތުރުވަމުންދާތީ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.