ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމުގެ މައްސަލަ ތަހުގީގުކުރުމަށްފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުކުރާ ލިސްޓް ބޮލާލައި ނުޖަހާނެ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު ކަމަށް އާންމުކޮށްފައިވާ ލިސްޓަށް ބަދަލު ނުގެނެސް، އެ ލިސްޓުގައިވާ ފަރާތްތަކަށް ފްލެޓް ހަވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ ވިދާޅުވީ ކުރީ ސަރުކާރުން ތައްޔާރުކުރި ފުލެޓް ލިސްޓާ ގުޅިގެން އޭސީސީ އިން ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވާ ކަމަށެވެ. އެހެންވެ އެ ލިސްޓަށް ބަލައިގެން ފްލެޓް ދޭނަމަ ރައްޔިތެއްގެ ހައްގު ގެއްލިގެން ހިނގައިދާނެ ކަމަށާއި އެއީ މި ސަރުކާރުން ބޭނުންވާ ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.

"އެ ހުރިހާ ކަންބޮޑުވުންތަކެއް އޭސީސީގެ ރިޕޯޓުގައި ހާމަކޮށްފައި ވަނިކޮށް އެ ރިޕޯޓަށް ބޮލާލައި ޖަހައި އަޅުގަނޑުމެން އެހެން ގޮތަކަށް ނިންމުމަކީ ފްލެޓް ނުލިބޭ ފަރާތްތަކުގެވެސް ފްލެޓް ލިިބިފައި ފަރާތްތަކުގެވެސް ހައްގުތަކެއްވެސް ގެއްލިގެންދާ ކަމެއް،" ހީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ އެންމެ އިންސާފުވެރި ގޮތެއްގައި ފުލެޓުތައް ދޫކުރުމުގެ މަސައްކަތް ކުރަން ކަމަށެވެ.