ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތުގެ ދަށުން ދެ ޕްލެޓްފޯމަކުން ޖުމުލަ 51 ސިފައިން ފޮނުވާލެވިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ރިޔާސީ ވައުދުފުޅެވެ. ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވި ދުވަހު ރައީސް މުއިއްޒު ވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ރަސްމީކޮށް، އިންޑިއާގައި އެދިވަޑައިގެންފައެވެ.

އެފަހުން ރާއްޖެ އާއި އިންޑިއާ ދެމެދުގައި ވަނީ އިންޑިއާ ސިފައިން ކަންކަމުގައި މަތީ ފެންވަރުގެ މަޝްވަރާގެ ބައްދަލުވުންތަކެއް ބާއްވައިފައެވެ. އެ މަޝްވަރާތަކުގައި ދެގައުމުން އެއްބަސްވީ މާޗު 10 ނިޔަލަށް އައްޑޫގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ފޭބުމަށެވެ. އެ އެއްބަސްވުމާ އެއްގޮތަށް އައްޑޫގައި ތިބި އިންޑިއާ ސިފައިން ވަނީ އަނބުރާ ރާއްޖެއިން ފޮނުވާލައިފައެވެ. އިންޑިއާ ސިފައިން ދެން ތިބީ ހދ. ހަނިމާދޫ އަދި ލ. ކައްދޫގައެވެ. އެ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ހަމަޖެހިފައިވަނީ މެއި 10 ގެ ނިޔަލަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މިމަހުގެ ދިހަވަނަ ދުވަހުގެ ކުރިން ފޮނުވާލުން ކަމަށެވެ.

"މިމަހުގެ 10ގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ފައިބައިގެން ދާނެ. މިހާތަނަށް ދެ ޕްލެޓްފޯމަކުން 51 ސިފައިން ފައިބައިގެން ދިޔައީ. އެއާއެކު އެކީގައި އަޅުގަނޑުމެން ތިބޭފުޅުންނާ ހަމައަށް އިތުރު މައުލޫމާތުތައް ހުރިހާ ސިފައިން ފައިބައިގެން ދިއުމުން ހާމަކުރާނަން،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި އެ މަސައްކަތްތައް ކުރުމަށް އިންޑިއާ އިން ގެންނަނީ ސިވިލިއަނުންނެވެ.