ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ހާޒިރުވެ ވަޑައިނުގަންނަވާތީ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މިއަދު އެޖެންޑާ ކޮށްފައި އޮތް، މެއި ހައެއްގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ އާއި މި ސަރުކާރުން ތުރުކީން ޑްރޯން ގަތުމަށް ހިންގި މުއާމަލާތުގެ ތަފުސީލީ މައުލޫމާތު ސާފު ކުރުމުގެ ބައި ކުރިއަކަށް ނުގެންދެވުނެވެ.
އެ ދެ މައްސަލައާ ބެހޭގޮތުން މިނިސްޓަރު ގައްސާން ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުކުރަން ނިންމީ، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ބެހޭ އިތުރު މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އަދި ޑްރޯންގަތުމުގެ މުއާމަލާތާބެހޭ މައުލޫމާތު ހާމަ ކުރައްވާނީ 241 ކޮމިޓީއަށް ކަމަށް މަޖިލިސް ޖަލްސާއެއްގައި ވިދާޅުވުމާ ގުޅިގެންނެވެ.
އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި އެޖެންޑާ ކޮށްފައި އޮތީވެސް އެކަންތައްތަކެވެ.
ނަމަވެސް މިއަދުގެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، މިއަދުގެ ޖަލްސާއަށް މިނިސްޓަރު ވަޑައިގެންނެވުމަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ ކޮމިޓީއަށް ހާޒިރުވެވެން ނެތް ކަމަށް ކޮމިޓީއަށް އަންގަވާފައިވާ ކަމަށެވެ. އެހެންކަމުން މިއަދު އެ މަސައްކަތް ކުރިއަށް ގެންދެވެން ނެތް ކަމަށް ވިދާޅުވެ، އެ މައްސަލަ ވަނީ ފަސްކުރައްވައިފައެވެ.
ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެން ހައެއް މެއި 2021 ވަނަ އަހަރުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާދީފައި ވަނީ، އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ. މި ހާދިސާގައި އެމަނިކުފާނުގެ ހަށިކޮޅަށް ރޭޒާ ފުއްތަކެއް އަރައި، ލިބިވަޑައިގެންނެވި ސީރިއަސް އަނިޔާތަކަށް ވަނީ ރާއްޖޭންނާއި ރާއްޖޭން ބޭރުން ފަރުވާ ހޯއްދަވައިފައެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން މެއި ހައެއްގެ ބޮމުގެ ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ކުށް ސާބިތުވެ، އަހުމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މީގެ އިތުރުން ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެއެވެ. އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ހައްޔަރުކުރި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ބައެއްގެ މައްޗަށް ވެސް ދަނީ ދައުވާކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު