ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް އާއްމު ގޮތެއްގައި ލަސްވަނީ އެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ބަޖެޓްގައި ހިމަނާފައިނުވާތީ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބުދުالله ރާފިއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަަދުގެ ޖަލްސާގައި، އެ މިނިސްޓްރީގެ ދާއިރާގައި ހިމެނޭ ޕްރޮޖެކްޓްތައް ލަސްވަމުންދާ މައްސަލައިގައި މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދެ މިލިއަން ރުފިޔާ ހަރަދުވާ ބައެއް ޕްރޮޖެކްޓްތަކަށް، ބަޖެޓްގައި ދެ ލައްކަ ރުފިޔާ ވެސް ޖަހާފައި ހުންނަ ކަމަށެވެ.

ޕްރޮޖެކްޓް ހަވާލު ކުރާއިރު، އެކަމަށް ބަޖެޓްގައި އޮންނަނީ ވަރަށް ކުޑަ އަދަދެއް ކަމަށާއި، ޕްރޮޖެކްޓް ހަވާލުކުރުމަށް ފަހު، އެޑްވާންސަށް ދޭ 15 ޕަސެންޓް ދިނުމަށްފަހު ދެން ދެވަނަ ޕޭމަންޓް ދައްކަން ބަލާއިރު ބަޖެޓްގައި ފައިސާ ނުހުންނަ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ދެ މިލިއަން ތިން މިލިއަންގެ ޕްރޮޖެކްޓަށް ދެ ލައްކަ ތިން ލައްކަ ރުފިޔާ ބަޖެޓްގައި ހިމަނާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދެން ޖެހެނީ ބަޖެޓްގެ އެހެން ކޯޑަކުން އެ ފައިސާ ބަޖެޓަށް ޓްރާންސްފާ ކުރަން ކަމަށާއި، އެގޮތަށް ބަޖެޓަށް ފައިސާ ޓްރާންސްފާ ކުރާނީ ކޮން ކޯޑަކުންތޯ ބަލާއިރު، ފައިސާ ނަގަން ޖެހެނީވެސް ކޮންމެވެސް ރަށެއްގެ ޕްރޮޖެކްޓަކަށްހުންނަ ފައިސާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ކުރަންޖެހޭ ކަމަކީ ޖެހިގެން އޮންނަ އަހަރށް ޕްރޮޖެކްޓްތައް ދަންމާލުން ކަމަށްވެސް ވިދާޅުވިއެވެ.

މަސައްކަތްތައް ލަސްވާ އަނެއް ސަބަބެއް ކަމަށް ރާފިއު ވިދާޅުވީ މަސައްކަތަށް ބޭނުންވާ ތަކެތި ގެންނަން ހަވާލުވާ ކުންފުނިން އޯޑަރުކޮށްގެން އެ ގަންނަން ނަގާ ވަގުތު ދިގުލައިގެންދާ މައްސަލައެވެ.