އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަން ދެ ދައުރު އަދާކޮށްފައިވާނަމަ އިނާޔަތާއެކު ރިޓަޔާވެވޭ ގޮތަށް އީސީގެ ގަވާއިދަށް ގެނައި އިސްލާހު މިއަދު އުވާލައިފިއެވެ.
އެ ގަވާއިދަށް ގެނައި ނުވަވަނަ އިސްލާހުގެ ގޮތުގައި އެ އިސްލާހު ގަވާއިދަށް ގެނެސްފައި ވަނީ، މިދިޔަ ފެބްރުއަރީ މަހުގެ 28 ގައެވެ.
އެ އިސްލާހުގައި ބުނެފައިވަނީ އީސީގައި ވަޒިފާ އަދާކޮށްފައިވާ ނުވަތަ ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު ކޮމިޝަންގެ މެންބަރު ކަމަށް އަައްޔަން ކޮށްފި ނަމަ، އަދި މެންބަރެއްގެ ދައުރު ހަމަވި އިރު، 10 އަހަރު ދުވަސް ކޮމިޝަނަށް ހިދުމަތްކޮށްފައިވާ ނަމަ ރިޓަޔާމަންޓް އިނާޔަތް އެ މީހަކަށް ލިބިދޭންވާނެ ކަމަށެވެ.
އެގޮތަށް ރިޓަޔާކުރާއިރު އެއް ފަހަރާ ގަނޑުކޮށް ދޭ ފައިސާގެ އިނާޔަތުގެ ގޮތުގައި، އެ މީހަކު ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައާއި ހިދުމަތްކުރި އަހަރު ގުނަކުރުމުންޖެހޭ އަދަދަށްވާ ފައިސާ އެއް ފަހަރާ އެ މީހަކަށް ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި މަހުން މަހަށް އެ މީހެއްގެ މުޅި އުމުރަށް ދޭ އިނާޔަތެއްގެ ގޮތުގައި އެ މީހަކު އެންމެ ފަހުން ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 ޕަސެންޓް ރިޓަޔާމަންޓް ޕޭގެ ގޮތުގައި ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ އިސްލާހުގައި އިތުރަށް ބުނެފައި ވަނީ އީސީގެ މުވައްޒަފެއްގެ އުމުރުން 55 އަހަރުވުމުން އިނާޔަތް ދިނުމާއެކު، ވަޒީފާ އިން ރިޓަޔާކޮށް ވަޒީފާ ދޫކޮށްލުމުގެ އިހުތިޔާރު ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް އެގޮތަށް ރިޓަޔާ ކުރެވޭނީ އީސީ އަށް މަދުވެގެން 15 އަހަރު ހިދުމަތް ކޮށްފައިވާ ނަމައެވެ.
އެގޮތަށް ރިޓަޔާކުރާ ކޮންމެ މުވައްޒަފަކަށް އެއްފަހަރާ ގަނޑުކޮށް ދެވޭ ފައިސާގެ އިނާޔަތެއްގެ ގޮތުގައި، އެ މީހަކު ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައާއި ހިދުމަތްކުރި އަހަރު ގުނަކުރުމުންޖެހޭ އަދަދަށްވާ ފައިސާ އެއް ފަހަރާ އެ މީހަަކަށް ލިބިދޭންވާނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ މީހަކު ހިދުމަތް ކުރީ އަހަރު 15 އަހަރު ދުވަހަށްްވުރެ އިތުރަށް ކަމަށްވާ ނަމަ އެއްފަހަރާ ގަނޑުކޮށް ފައިސާ ދިނުމުގައި ބަލާނީ 15 އަހަރު ދުވަހަށެވެ.
ވަޒީފާ އިން ރިޓަޔާ ކުރާ ކޮންމެ މީހަކަށް މަހުން މަަހަށް އެ މީހެއްގެ މުޅި އުމުރަށް ދެވޭ އިނާޔަތެއްގެ ގޮތުގައި އެ މީހަކު އެންމެފަހުން ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 ޕަސެންޓް ރިޓަޔާމަންޓް ޕޭގެ ގޮތުގައި ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ. ހިދުމަތް ކުރާތާ 30 އަހަރު ދުވަސް ވެފައިވާ ނަަމަ އޭރަކު އެ މުވައްޒަފަކަށް ލިބޭ މުސާރަ، ރިޓަޔާމަންޓް ޕޭގެ ގޮތުގައި ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި އިސްލާހުގައި މުވައްޒަފުންނާއި މެންބަރުންނަށް އިތުރު ގަޑިއާއި އެހެނިހެން އިނާޔަތްތައް ދޭނެ ގޮތްވެސް ވަނީ ބަޔާންކޮށްފައެވެ.
އީސީން މިއަދު ކުރި އިއުލާނުގައި ވަނީ ކޮމިޝަންގެ ގަވާއިދަށް މިދިޔަ ފެބްރުއަރީ މަހު ގެނައި އިސްލާހު ބާތިލުކޮށްފައިވާ ކަމަށެވެ. އެ އިސްލާހު ބާތިލުކުރީ ފިނޭންސް މިނިސްޓްރީން އަންގައިގެން ކަަމަށް އިސީން ވަނީ ބުނެފައެވެ. އީސީގެ މެމްބަރުންގެ މުސާރައާއި އިނާޔަތް ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުން ކަމަށްވާތީ، އެގޮތަށް ކޮމިޝަނުން ގަވާއިދަށް ބަދަލެއް ނުގެނެވޭނެ ކަމަށް މިނިސްޓްރީން އަންގާފައިވާ ކަމަށްވެސް އީސީން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު