ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީގެ ޖަލުތަކުގައި ތިބި ސްރީ ލަންކާގެ 44 ގައިދީއިންނަށް މާފު ދީފިއެވެ.

އަބޫދާބީގައި ހުންނަ ސްރީލަންކާގެ އެމްބަސީ އިން ވަނީ ޔޫއޭއީގެ ސަރުކާރުން އެގައުމުގެ އެކި ސަރަހައްދުތަކުގައި ހުރި ޖަލުތަކުގައި ތިބި ލަންކާގެ މީހުންގެ ތެރެއިން 44 ގައިދީންނަށް މާފުދޭން ނިންމާފައިވާ ކަމަށް ބުނެފައެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓްރީ އިން ވެސް ވަނީ ރަސްމީކޮށް އެކަން ލަންކާގެ ސަރުކާރަށް އަންގައިފައެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓްރީ އިން ވަނީ އެ 44 މީހުންނަށް މާފު ދީފައިވަނީ ރޯދަ މަހުގެ ހަދިޔާއެއްގެ ގޮތުން ކަމަށް ބުނެފައެވެ.

ޔޫއޭއީ އިން މާފުދިން 44 ގައިދީން އަނބުރާ ލަންކާއަށް ގެންދިއުމުގެ މަސައްކަތް ޔޫއޭއީގައި ހުންނަ ލަންކާގެ އެމްބަސީ އާއި އެގައުމުގެ ކަމާބެހޭ އިދާރާތަކުން ފަށާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.