ނެދަލޭންޑްސް ލީގުގެ ވިޓޭސް އާންހެމްއިން ޕްރޮފެޝަނަލް ފުޓުބޯޅައިގައި ދެމިއޮތުމަށް ބޭނުންވާ ފައިސާ އެއްކުރަން، ކްރައުޑް ފަންޑިން ކެމްޕޭނެއް އިއުލާނުކޮށްފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ ކްލަބުތަކެއްގެ ކުޅުންތެރިންވެސް ލޯނުގައި ކުޅެމުންދާ ވިޓޭސް މިހާރު އޮތީ ފައިސާގެ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ. އެޓީމަށް ކްލަބު ލައިސަންސިންގެ މައްސަލަތައްވެސް ދިމާވެފައިވަ އިރު، އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ، އެފްއޭއިން ވަނީ ފިޔަވަޅުވެސް އަޅައިފައެވެ. އެގޮތުން 18 ޕޮއިންޓް އުނިކޮށް، ޖޫރިމަނާވެސް ކޮށްފައިވެއެވެ.

ވިޓޭސް އަތުން 18 ޕޮއިންޓް އަތުލުމާއެކު އެޓީމު އޮތީ ތާވަލުގެ ފުލުގައެވެ. އެއީ އެންމެ ދެ ޕޮއިންޓާއެކުގައެވެ. ލީގުގައި ބާކީ ތިން މެޗު އޮތް އިރު، އެޓީމަށް ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވާނެ ކަން ޔަގީންވެފައެވެ. މިއީ މިދިޔަ 35 އަހަރު ތެރޭގައިވެސް ވިޓޭސް ރެލިގޭޓްވާ ފުރަތަމަ ފަހަރެވެ.

ދެވަނަ ޑިވިޝަނަށް ގޮސްވެސް ކުޅުމުގެ ފުރުސަތު ވިޓޭސްއަށް އޮތީ ކްލަބު ލައިސަންސިން ފުރިހަމަވެގެންނެވެ. އެކަމަށް ފައިސާގެ ހާލަތު ރަނގަޅުކުރަން ވިޓޭސްއަށް ބޭނުންވާ އިރު، ކްލަބުން ވަނީ ސަޕޯޓަރުންގެ އެހީއަށް އެދި ފަންޑެއް ހުޅުވާލައިފައެވެ.

އެ ފަންޑަށް ކުރީގެ ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުން ފައިސާ ދީފައިވާ އިރު، އިއްޔެއާ ހަމައަށް އެއް މިލިއަން ޔޫރޯ ލިބިފައިވެއެވެ. އެ ފަންޑަށް ފައިސާ އިތުރު ކުރަން ކުޅުންތެރިން މުސާރަތައްވެސް އެހީގެ ގޮތުގައި ދީފައިވެއެވެ. ފަންޑަށް ފައިސާ ދިން ކުޅުންތެރިންގެ ތެރޭގައި ޗެލްސީގެ ލޯނުގައި ކުޅެމުންދާ ލެވިސް ބޭކާއާއި މަޓް މިއާޒްގާ ހިމެނެއެވެ.

އަދި އޭގެ އިތުރުން ކުރިން ސްވަންސީ ސިޓީއަށް ކުޅުމަށްފަހު މިހާރު ވިޓޭސްއަށް ކުޅޭ ފޯވަޑް ވިލްފްރެޑް ބޮނީވެސް ވަނީ ވިޓޭސްއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.