ރާއްޖެއާއި އިންޑިއާއާ ދެމެދު ކުރިއަށްގެންދާ މަތީ ފަންތީގެ ބައްދަލުވުންތަކުގެ ހަތަރުވަނަ ބައްދަލުވުމުން މިއަދު އިންޑިއާގެ ވެރިރަށް ދިއްލީގައި ބާއްވައިފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ބައްދަލުވުމުގައި ވަނީ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް ފުޅާ ގޮތެއްގައި މަޝްވަރާ ކޮށްފައި ކަމަށެވެ. އެގޮތުން ޑިފެންސްގެ ދާއިރާއިން، ޑިވެލޮޕްމެންޓް ދާއިރާއިން ދެގައުމުގެ މެދުގައި މަޝްވަރާކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ދެ ގައުމުގެ މެދުގައި އެއްބަސްވެފައިވާ ގޮތަށް މިމަހުގެ 10 ގެ ނިޔަލަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދާނެ ކަމުގެ ޔަގީންކަން އިންޑިއާއިން ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މިހާރު ކުރިއަށްދަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އެންމެ ފަހު ބެޗް ނުވަތަ ތިންވަނަ ބެޗު ރާއްޖެއިން ބޭލުމަށް ކުރަމުންދާ ލޮޖިސްޓިކް މަސައްކަތްތަކެއް ކަމަށެވެ.
ރާއްޖެ-އިންޑިއާގެ މަތީ ފަންތީގެ ފަސް ވަނަ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް އެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
ރާއްޖެ-އިންޑިއާ ބައްދަލުވުންތަކުގެ އެންމެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީވެސް ރާއްޖޭގައެވެ. ދެވަނަ ބައްދަލުވުން ބާއްވާފައިވަނީ ދިއްލީގައެވެ. އެ ބައްދަލުވުންތަކުގައި އެންމެ ބޮޑަށް މަޝްވަރާކޮށްފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާ ގުޅޭ ގޮތުންނެވެ. އެ ބައްދަލުވުންތަކުގައި ކުރެވުނު މަޝްވަރާގެ ނަތީޖާގެ ތެރެއިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ގެންދަން އިންޑިއާ އިން ވަނީ އެއްބަސްވެފައެވެ.
އެ ބައްދަލުވުންތަކުގެ ތިންވަނަ ބައްދަލުވުން ބާއްވާފައިވަނީ މާލޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު