ރާއްޖޭގައި ބާއްވާ ބިލިއާޑްގެ ބައިނަލްއަގުވާމީ މުބާރާތް މޯލްޑިވްސް އޯޕަން 2024، 10 ބޯލް ޗެމްޕިއަންޝިޕް އަންނަ މަހުގެ 10 ވަނަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށް ރާއްޖޭގައި ބާއްވާ 10 ބޯލް ޗެމްޕިއަންޝިޕް މާލޭގެ ބިލިއާޑް އެރީނާގައި އޮންނާނީ އަންނަ މަހު 10 އިން 14 އަށެވެ. އެ މުބާރާތް އިއްޔެ ރަސްމީކޮށް އިއުލާނުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއުއެވެ.

މިދިޔަ އަހަރުވެސް ބިލިއާޑްގެ ވޯލްޑް ޓުއާ މުބާރާތް ރާއްޖޭގައި ހޯސްޓް ކޮށް، ކާމިޔާބު ކަމާއެކު ނިންމާލާފައިވާ އިރު، އެ މުބާރާތުގެ އިންތިޒާމްތައް ވެސް ފެނުނީ ފުރިހަމަ ކޮށެވެ. އަދި އެ މުބާރާތް ވެގެން ގޮސްފައިވަނީ ރާއްޖޭގެ ބިލިއާޑް ކުޅުންތެރިންނަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔަ މުބާރާތަކަށްވެސް މެއެވެ.

މިފަހަރުގެ މުބާރާތުގައި 96 ކުޅުންތެރިން ވާދަކުރާނެއެވެ. އެގޮތުން ބައިނަލްއަގުވާމީ 80 ކުޅުންތެރިންނާ އެކު މުބާރާތުގައި 16 ދިވެހި ކުޅުންތެރިން، އެކި ކެޓެގަރީތަކުގައި ވާދަކުރާނެއެވެ. އަދި މި އަހަރުގެ މުބާރާތުގައި ދުނިޔޭގެ ފަސް ޗެމްޕިއަނުން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅޭ ކުޅުންތެރިންނާ އެކު، އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިން މި އަހަރުގެ މުބާރާތުން ފެނިގެންދާނެއެވެ. އަދި ޔޫރަޕުގެ ކުޅުންތެރިން ހިމެނޭހެން މި މުބާރާތުގައި 25 ގައުމެއްގެ ކުޅުންތެރިން ވާދަކުރާނެއެވެ.

އިއްޔެގެ އިވެންޓްގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ރާފިއު ވިދާޅުވީ, މިދިޔަ އަހަރުގެ ކާމިޔާބީއަށް ބަލައި، މިއަހަރުގެ މުބާރާތް އިތުރަށް ފެންވަރު ރަނގަޅުކޮށް ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގެ މުހިއްމުކަން ފާހަގަކުރައްވާ ރާފިއު ވިދާޅުވީ ބިލިއާޑްގެ މުހިއްމު ހަބަކަށް ރާއްޖެ ހެދުން އެއީ އުންމީދެއް ކަމަށެވެ.

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޗައިނީސް ތައިޕޭގެ ކޯ ޕީ ޗުންއެވެ.