މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެމްއައިބީ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ހަސަން ޝާޒް މުހައްމަދާއި ފަގީހާ އިބްރާހީމް ހޯދައިފިއެވެ.
އޮފީސްތަކާއި ކުންފުނިތަކުން ވާދަކުރި 13 ވަނަ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ސިންގަލްސް ބައިގެ މެޗުތައް ފޯރިގަދަކޮށް ކުރިއަށްގޮސްފައިވާ އިރު، ފައިނަލްތައް ކުރިއަށްދިޔައީ ހޯމަ ދުވަހުގެ ރޭގައެވެ. ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އެމްޕީއެލްގެ ޝާޒް ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ ޔޫސުފް ޒުބައިރާ ވާދަކޮށް، 9-5 ފްރޭމުން މެޗު ކާމިޔާބުކޮށްގެންނެވެ.
އަންހެން ސިންގަލްސް ޗެމްޕިއަންކަން ރައީސް އޮފީހުގެ ފަގީހާ ހޯދީ ފައިނަލުގައި ކަސްޓަމްސްގެ އައިޝަތު ޔަޝްފާއާ ވާދަކޮށް، 5-1 ފްރޭމުން މެޗު ކާމިޔާބުކޮށްގެންނެވެ.
އެރޭ ފިރިހެން ދެވަނަ ޑިވިޝަނުގެ ފައިނަލުވެސް ކުޅެފައިވާ އިރު، އެމްއެންޑީއެފްގެ ހުސެއިން ސާޖިދުﷲ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ދިރާގުގެ ހުސެއިން ޝިމާލް ކައިރިން 7-3 ފްރޭމުން މެޗު ކާމިޔާބުކޮށްގެންނެވެ.
މިފަހަރު އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގައި ޖުމުލަ 13 އޮފީހަކުން ބައިވެރިވެފައިވެއެވެ. ފިރިހެން ސިންގަލްސް އެއްވަނަ ޑިވިޝަނުގައި 27 ކުޅުންތެރިން، ދެވަނަ ޑިވިޝންގައި 83 ކުޅުންތެރިން އަދި އަންހެން އެއްވަނަ ޑިވިޝަނުގައި 17 ކުޅުންތެރިން ބައިވެރިވެފައިވެއެވެ.
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން