މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)ގެ ޗެއާޕާސަން މަގާމުގެ އިތުރު ދައުރަކަށް، މިހާރުވެސް އެ މަގާމުގައި ހުންނެވި އަހުމަދު ނާސިފް އިންތިހާބު ކޮށްފިއެވެ.

ނާސިފް މިހާރު ފުރުއްވަމުން ގެންދަވަނީ އޭނާގެ ދެވަނަ ދައުރެވެ. އަދި ކުރިއަށް އޮތީ މަގާމުގައި އޭނާގެ ތިންވަނަ ދައުރެވެ.

ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ)ގެ ޗެއާމަނަކަށް މިހާރު ހުންނެވި ނާސިފް 2018 ވަނަ އަހަރުން ފެށިގެން އެމްޕީބީއޭގެ ޗެއާޕާސަން ކަމުގައި ހުންނެވި އިރު، މިފަހަރު އިންތިހާބު ކާމިޔާބުކުރެއްވީ އިސްމާއީލް ރަޒީނާ ވާދަކުރައްވައިގެންނެވެ. އެމްޕީބީއޭގެ އިންތިހާބުގައި 115 މެމްބަރުން ވޯޓު ލާފައިވެއެވެ. އެއީ ވޯޓަށް ޝަރުތު ހަމަވާ 128 މެމްބަރުންގެ ތެރެއިންނެވެ.

ވައިސް ޗެއާޕާސަންގެ މަގާމަށް އަހުމަދު މާހިދު އިންތިހާބުވެ ވަޑައިގެންފައިވާ އިރު، އެ މަގާމަށް އަހުމަދު ޒިޔާއު ސައީދާއި ހަސަން ޝަފްރާޒް ވާދަކުރައްވާފައިވެއެވެ. ހަޒާންދާރަކަށް ފާތިމަތު ރައުފާ މުހައްމަދު ހާފިޒް ހޮވުނު އިރު، އާންމު މެމްބަރުންގެ ތެރެއިން އަންހެން މެމްބަރުންނަށް ހާއްސަ ސްލޮޓަށް ހޮވުނީ ފަގީހާ އިބްރާހީމެވެ.

ފިރިހެން އާންމު މެމްބަރުންގެ ދެ ޖާގައަށް އިންތިހާބުވީ އަލީ ޝާވިންއާއި ޔޫސުފް ޒުބައިރެވެ.

ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ އާ ހިންގާ ކޮމިޓީ ---

އަލަށް އިންތިހާބުވި އެކްސްކޯއިން ބުނެފައި ވަނީ ބިލިއާޑްގެ ގްރާސް ރޫޓް ވަރުގަދަކުރުމަށް ހާއްސަ މަސައްކަތްތަކެއް ހިންގުމުގެ އިތުރުން ޔޫތު ޑެވަލޮޕްމަންޓަށް ސަމާލުކަން ބޮޑުކުރާނެ ކަމަށެވެ. އަދި މުބާރާތްތައް އިތުރުކުރުމާއި ހިންގުން ހަރަދަނާކޮށް، ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދަންވެސް ވައުދުވެފައިވެއެވެ.

އޭގެ އިތުރުން އަތޮޅު ތެރޭގައިވެސް ރަނގަޅު ފެންވަރުގެ އިންފްރާސްޓްރަކްޗާތައް ގާއިމުކުރުމަށް މަސައްކަތްތައް ކުރާނެ ކަމަށްވެސް އެކްސްކޯއިން ހާމަކޮށްފައިވެއެވެ.