މިމަހު ހަތަކުން އިއްޔެގެ ނިޔަލަށް އިންޑިއާގެ އަހްމަދުއާބާދުގައި ކުރިއަށްދިޔަ ދަ ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްސް 2026 ގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދާއި ދީނާ އަހުމަދު ތާރީހީ ކާމިޔާބީއެއް ހޯދައިފިއެވެ.

މިއަހަރުގެ ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްސްގައި ގާތްގަނޑަކަށް ކޮމަންވެލްތުގެ 42 ގައުމަކުން 144 ކުޅުންތެރިން ވާދަކޮށްފައިވެއެވެ. އެގޮތުން ފިރިހެން 72 ކުޅުންތެރިންނާއި 72 އަންހެން ކުޅުންތެރިން މުބާރާތުގައި ވާދަކޮށްފައިވެއެވެ.

މިފަހަރުގެ ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްސްގައި ސްނޫކާ، އިންގްލިޝް ބިލިއާޑްސްގެ އިތުރުން 10-ބޯލް ޕޫލް، ހޭބޯލް އަދި ބްލެކްބޯލް ޑިސިޕްލިންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޝާޒް ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރު ކޮށްފައެވެ. އެއީ ދިވެހި އެތުލީޓަކު އެހިސާބަށް ދިޔަ ފުރަތަމަ ފަހަރެވެ. ޝާޒް ކުރިއަށް ދިޔަ ދަތުރުގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކްރެއިގް ބްރޯވާވެސް ބަލިކޮށްފައިވެއެވެ.

ދީނާވެސް އަންހެން ޑިވިޝަނުގެ ކުއާޓާ ފައިނަލަށް ވާދަކޮށްފައިވާ އިރު، އެއީވެސް ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލާ ހަމައަށް ރާއްޖޭގެ އަންހެން ކުޅުންތެރިޔަކު ދަތުރުކުރި ފުރަތަމަ ފަހަރެވެ. ދީނާއަކީ ރާއްޖޭގެ އަންހެން ބިލިއާޑްގައި އިންޓަނޭޝަނަލް މެޗެއްވެސް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން ވަނީ ރާއްޖޭގެ އެ ދެ އެތުލީޓުންނަށްވެސް މަރުހަބާ ކިޔައި، ރާއްޖެއަށް ހޯދައިދިން ތާރީހީ ކާމިޔާބީ ފާހަގަކޮށްފައެވެ.