ފަލަސްތީނުގެ ގާޒާއަށް އެހީ ވެއްދުމަށް ހުރަސްއަޅަމުންދާތީ، އިޒްރޭލާ އެކު ވިޔަފާރި ކުރުން ތުރުކީން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

ތުރުކީގެ ޓްރޭޑް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލަށް އެކްސްޕޯޓް ކުރުމާއި އިމްޕޯޓް ކުރުން ހުއްޓާލާފައިވާ ކަމަށެވެ. ގާޒާއަށް އިންސާނީ އެހީ މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ހުއްދަ އިޒްރޭލުން ނުދޭހާ ހިނދަކު މި ފިޔަވަޅު ދެމި އޮންނާނެ ކަމަށްވެސް ބުންޏެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓަރު އިސްރާއެލް ކަޓްޒް ވަނީ ތުރުކީ އިން އެގައުމާ އެކު ވެފައި އޮތް ވިޔަފާރީގެ ގުޅުން ކަނޑާލުމާއެކު ތުރުކީގެ ޕޯޓުތަކުން އެކްސްޕޯޓު އަދި އިމްޕޯޓު ހިދުމަތް ހުއްޓާލާފައިވާ ކަމަށެވެ.

ކަޓްޒްގެ އެކްސްގައި ކުރި ޕޯސްޓްގައި ވަނީ ތުރުކީ އިން މަސައްކަތް ކުރަނީ ހުދުމުހުތާރު ސިފަ ދެއްކުމަށް ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ ވިޔަފާރީގެ އެއްބަސްވުންތަކާ ހިލާފުވެ ދެ ގައުމު ދެމެދުގެ ވިޔަފާރިވެރިންގެ މަސްލަހަތާ ހިލާފަށް ކުރާ ކަމެއް ކަމުގައި އޭނާ ވަނީ ފާހަގަކޮށްފައެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓަރު ވަނީ އެ ގައުމުގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ތުރުކީގެ ބަދަލުގައި އެހެން ގައުމުތަކުން މުދާ އެތެރެކުރުމުގެ މަޝްވަރާތައް ފެށުމަށް އަންގައިފައެވެ.

ތުރުކީ އާއި އިސްރާއީލާ ދެމެދު މިދިޔަ އަހަރު އެކަނިވެސް 6.8 ބިލިއަން ޑޮލަރުގެ ވިޔަފާރި މުއާމަލާތް ހިންގާފައިވެއެވެ.