ދެން ބާއްވާ ރިޔާސީ އިންތިހާބަކާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއް އެމްޑީޕީން ކާމިޔާބުކުރާނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން އެ ޕާޓީގެ މައި އޮފީހުގައި މިރޭ ބޭއްވި ގައުމީ ޖަލްސާއަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ފެށުނީއްސުރެ ވަކި ތަރުތީބަކުން މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވި އިރު، 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ވެސް އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ މަދު ގޮނޑިތަކެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. ޖައްސަޖައްސައިގެން ދެ އިންތިހާބުން ބަލިވުމުން އެމްޑީޕީން ވަނީ ގައުމީ މަޖިލިސް ބައްދަލުވުން ބާއްވައި ރަނގަޅު ކުރަންވީ ކަންކަން ދެނެގަނެ ދިރާސާއެއް ކޮށްފައި ކަމަށެވެ.
އެކަންކަން ރަނގަޅުކޮށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު އެމްޑީޕީން ކާމިޔާބުކުރި ކަމަށް ޝާހިދު ވިދާޅުވިއެވެ.
"މިރޭ އަޅުގަނޑުމެން މި ނިންމީ، ގައުމީ މަޖިލީހުން މި ނިންމީ ހަމަ އެފަދަ ދިރާސާއެއް ކުރަން. އިރާދަކުރެއްވިއްޔާ އެ ދިރާސާގެ އަލީގައި އަޅުގަނޑުމެން ދެން އަންނަ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީ ކާމިޔާބުކުރާނެ. އަދި އޭގެ ފަހުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ކާމިޔާބުކުރާނެ. އެމްޑީޕީން ކަންކުރަނީ ދުރާލާ ރާވައިގެން ތަރުތީބުން ގޯސްކޮށް ދިޔައީ ކޮން ކަންތައްތަކެއްތޯ ބަލައިގެން،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެ ތަރުތީބުން ޕާޓީގެ ކަންކަން ކުރިއަށްގެންދާނެ ކަމަށާއި އެމްޑީޕީގެ ކުރިމަގު އުޖާލާ ކަމަށެވެ. އަދި ރާއްޖޭގެ ކުރިމަގު ވެސް އުޖާލާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީއަކީ ކާމިޔާބީއަށް އަދި ނާކާމިޔާބީއަށް ވެސް ފަރިތަ ޕާޓީއެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. ގައުމީ މަޖިލީހުން މިރޭ ނިންމީ އަލުން ތަރުތީބުވެގެން އެމްޑީޕީގެ ސިޔާސަތާ އެއްގޮތަށް ހިދުމަތް ކުރަން ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު