އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް އެޕާޓްމަންޓް ގަތުމަށް ހުށަހެޅި ފޯމްތައް ބާތިލްކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެ، ފޯމު ހުށަހެޅުމުގައި ދިމާވި ދަތިތައް ބަޔާންކޮށް ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ.
އެގޮތުން އެ ޝަކުވާތަކާ ގުޅިގެން ބެލިބެލުމުން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އަދި އެކަމާ ގުޅިގެން ގިނަ ބަޔަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ގެއްލިފައިވާތީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅި އެޕްލިކޭޝަންތައް ބާތިލް ކޮށްފައިވާ ކަމަށެވެ.
އެޗްޑީސީން ބުނީ، ހުޅުމާލޭގައި ފްލެޓް އިމާރާތް ކުރުމަށް ފަށާފައިވާ އެކިއެކި މަޝްރޫއުތަކުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކައި، އެހެންނަމަވެސް ތަފާތު ސަބަބުތަކާ ހުރެ މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައި ވުމުން ބޯހިޔާވަހިކަމެއް ލިބިފައިނުވާ ގިނަ ފަރާތްތަކެއްގެ ޝަކުވާވެސް ލިބެމުންދާ ކަމަށެވެ.
".. އަދި އެ ފަރާތްތަކަށް ބޯހިޔާވަހިމެއް ހޯދައިދިނުމަށް މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ވިނަރެސް މަޝްރޫއުގެ ތެރެއިން ފުރުސަތު ތަނަވަސްވާ މިންވަރަކުން ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރަމުން ދާތީ، ވިނަރެސް އެޕާޓްމަންޓް ވިއްކުމަށް އިތުރަށް ހުޅުވާނުލާނެ ކަން މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ، ސަރުކާރުގެ އަމާޒާ އެއްގޮތަށް ބޯހިޔާވަހިކަމުގެ އިތުރު ފުރުސަތު ތަނަވަސްކޮށް، މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދައި ދިނުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން، ވިނަރެސް އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން މަސައްކަތް ކުރާ ކަމުގެ ޝަކުވާވެސް އެ ކޯޕަރޭޝަނަށް ލިބިފައިވާ ކަމަށާއި އެކަމަށް ސަމާލުކަން ދިނުން އެދޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު