މި ސީޒަނުގެ އިޓަލީ ލީގުގެ ޗެމްޕިއަންކަންވެސް ޔަގީން ކޮށްފައިވާ އިންޓަ މިލާނުން ރޭ ކުޅުނު މެޗުގައި ޓޮރީނޯ ކައިރިން 2-0 އިން މޮޅުވި އިރު، ނަޕޯލީއާއި ރޯމާ އެއްވަރު ވެއްޖެއެވެ.
އިންޓައިން ރޭ ޓޮރީނޯއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ކުރިން، ޓޮރީނޯ ކުޅުންތެރިން ވަނީ އިންޓައަށް ޗެމްޕިއަނުންގެ ގާޑް އޮފް އޮނާއެއް ދީފައެވެ. އިންޓައިން ތާރީހުގައި 20 ވަނަ ލީގު ތަށި ޔަގީންކުރީ މިދިޔަ ހަފުތާގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މިލާން ޑާބީ ކާމިޔާބު ކޮށްގެންނެވެ. އެއީ 2010 ވަނަ އަހަރަށްފަހު އިންޓައިން ލީގު ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މި ސީޒަނުގެ ކުރިން އިންޓައިން އެންމެފަހުން ލީގު ހޯދީ 2021 ވަނަ އަހަރުއެވެ.
ރޭ ޓޮރީނޯ ކައިރިން އިންޓަ މޮޅުވި މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައި ޓޮރީނޯގެ އަޑްރިއެން ޓަމޭޒޭއަށް ސީދާ ރަތް ކާޑެއް ދައްކާފައިވެއެވެ. އެއީ ހެރިކް މިކިތާރިއަންއަށް ގޯލު ޖަހަން ލިބުނު ފުރުސަތަކަށް ހުރަސް އެޅުމުންނެވެ.
އެހިސާބުން އިންޓައަށް މެޗު ފަސޭހަވެ، ދެވަނަ ހާފުގައި ދެ ގޯލު ޖެހިއެވެ. 56 ވަނަ މިނެޓުގައި އިންޓައަށް ލީޑު ނަގައިދިނީ ހަކާން ޗަލްހަނޫލޫއެވެ. އޭނާގެ ފުރަތަމަ ގޯލަށް މާ ގިނައިރެއް ނުވެ، 60 ވަނަ މިނެޓުގައި އިންޓައަށް ލީޑު ފުޅާވެސް ކޮށްދިނެވެ. އިންޓައިން ލީޑު ފުޅާކުރީ ޕެނަލްޓީއެއްގައެވެ. އެޓީމަށް ޕެނަލްޓީ ލިބުނީ މަޓެއޯ ލޮވާޓޯ، މާކަސް ތުރާމަށް ކުރި ފައުލަކަށެވެ.
ރޭ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ނަޕޯލީއާއި ރޯމާ އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ހަތަރު ގޯލުވެސް ދެވަނަ ހާފުގައި ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ލީޑު ނެގީ ރޯމާއިންނެވެ. އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި 59 ވަނަ މިނެޓުގައި ލީޑު ނެގީ ޕައުލޯ ޑީބާލާއެވެ. އޭގެ ހަމިނެޓް ފަހުން ނަޕޯލީ އެއްވަރުކުރިއެވެ. އެޓީމުގެ ފުރަތަމަ ގޯލު ޖެހީ މަތިއަސް އޮލިވިއޭރާއެވެ.
މެޗުގެ 84 ވަނަ މިނެޓުގައި ނަޕޯލީން މެޗު އަނބުރާލިއެވެ. އެޓީމަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ވިކްޓޯ އޮސިމެންއެވެ. އެ ގޯލާއެކު ނަޕޯލީ މޮޅުވާން ދަނިކޮށް، މެޗު އެއްވަރުކުރީ ޓެމީ އަބްރަހަމް ޖެހި ގޯލުންނެވެ. އެ ގޯލަކީ މިދިޔަ އަހަރު އޭޕްރީލް 29 އަށްފަހު އިންގްލެންޑް ފޯވަޑް އަބްރަހަމް ޖެހި ފުރަތަމަ ގޯލެވެ.
އިޓަލީ ލީގުގެ ޗެމްޕިއަންކަން ޔަގީންވި ނަމަވެސް، ގަދަ ހަތަރަކަށް ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭސީ މިލާން ދެވަނައިގައި 34 މެޗުން 70 ޕޮއިންޓާއެކު، ޗެމްޕިއަންސް ލީގު ފުޓުބޯޅަ ޔަގީން ކޮށްފައި އޮތް އިރު، ތިންވަނައިގައި އޮތް ޔުވެންޓަސްއަށް އަދި ގަދަ ހަތަރެއް ޔަގީނެއް ނުވެއެވެ. އެޓީމަށް 34 މެޗުން ހޯދުނީ 65 ޕޮއިންޓެވެ.
ހަތަރު ވަނައިގައި މިވަގުތު އޮތީ ބޮލޯނިއާއެވެ. އެއީ 34 މެޗުން 63 ޕޮއިންޓާއެކުގައެވެ. ރޯމާ، ފަސްވަނައިގައި އޮތީ 34 މެޗުން 59 ޕޮއިންޓާއެކުގައެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ