މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް، (ޕީއެންސީ) އަށް އޮތް ނަމަވެސް އެކަމުގެ ނާޖާއިޒު ފައިދާ ނުނަގާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ޕީޕީއެމްގެ ނައިބު ރައީސްކަންވެސް ކުރައްވާ ޝިޔާމް ރޭ ވިދާޅުވީ، މިހާރު އޮތް އެމްޑީޕީގެ މެޖޯރޮޓީ އޮތް މަޖިލީހުން ސަރުކާރަށް ދަތިތައް ކުރިމަތިކުރަމުންދާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މައިނޯރިޓީ ޕާޓީގެ ގޮތުގައި ޕީޕީއެމް/ޕީއެންސީ އޮތް އިރު، އެމްޑީޕީ މެންބަރުންގެ ފަރާތުން ފުރައްސާރަ އާއި ދަތިތައް ކުރިމަތިކޮށް، މަޖިލީހުގައި މައިނޯރިޓީގެ އަޑު ކަނޑުވާލި ކަމަށެވެ.

"މި ހިނގާ 19 ވަނަ މަޖިލީހުގައި އަޅުގަނޑުމެން ފެށި އިރު ވަރަށް އުނދަގޫ، ވަރަށް މަދު މެންބަރުން ކޮޅެއް އަޅުގަނޑުމެންގެ ތިބީ. އަޅުގަނޑުމެން ބިލަކަށްވެސް އަދި ބޮޑު މުހިންމު އިޝޫއަކަށް ވާހަކަދައްކަން ފަށާއިރު ހަމަ ހަ ފަރާތުން ހަޅޭއްލަވާ، ފުރައްސާރަ ކުރާ މަންޒަރު ފެނިގެން ދިޔައީ. އެއީ މިއަދު ރާއްޖޭގެ ރައްޔިތުން ބަލަން ބޭނުންވާ މަންޒަރެއް ނޫން. އަޅުގަނޑުމެން މި ޔަގީން ކުރަނީ އަޅުގަނޑުމެންގެ ސަރުކާރެއް ނިސްބަތްވާ ޕާޓީއެއްގެ ސުޕަ މެޖޯރިޓިއެއްގެ ފައިދާ އަޅުގަނޑުމެން ނުނަގާނެ،" މިނިސްޓަރުކަން ލިބިވަޑައިގަތުމާ ހަމައަށް ނައިފަރު ދާއިރާ ތަމްސީލް ކުރެއްވި ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މި ސަރުކާރުން މަޖިލީހުގެ މައިނޯރިޓީއަށް އިހުތިރާމު ކުރާނެ ކަމަށާއި 20 ވަނަ މަޖިލީހަކީ، ސަރުކާރުގެ ދުވެލި އަވަސްކޮށް ތަރައްގީއަށް އެއްބާރުލުންދޭނެ މަޖިލީހެއް ކަމަށެވެ.

ވިހިވަނަ މަޖިލީހުގައި ޕީއެންސީގެ 73 މެންބަރުން ތިއްބަވާނެއެވެ. އަދި ސަރުކާރަށް ތާއީދުކުރާ މެންބަރުންނާ އެކު އެ އަދަދު 77 އަށް އަރައެވެ. އިދިކޮޅު އެމްޑީޕީގެ ތިއްބަވާނީ 12 މެންބަރުންނެވެ.