ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑު) ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް މަޝްރޫއެއް ހިންގަން މިއަދު ހުއްދަދީފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓްމަންޓް ބޯޑުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެސްއީޒެޑްގެ ފުރަތަމަ އިންވެސްޓްމަންޓްގެ ގޮތުގައި މިއަދު ހުއްދަ ދޫކޮށްފައި ވަނީ މާލެ ސަރަހައްދުގައި 150 މެގަވޮޓްގެ ސޯލާ ޕަވާ ޕްލާންޓަކާއި އެ ޕްލާންޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމު ކުރުމަށް ކަމަށެވެ.

އެ ހުއްދަ ދޫކުރީ ކެނެޑާގެ އަބްރަކްޒަސް ޕަވާ ކޯޕް އަށާއި އެ ކުންފުނީގެ ޓެކްނިކަލް ޕާޓްނަރު ސަންގްރޯ ޕަވާ ސްޕްލައި ކޯ ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކަށެވެ.

އިންވެސްޓްމަންޓް ބޯޑުން ބުނީ، އެ ހުއްދައިގެ ދަށުން އެ މަޝްރޫއު ހިންގުމަށް ބޭނުންވާ ފީސިބިލިޓީ ތަހުލީލުތައް ހެދުމަށްފަހު އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ޕްރޮޕޯސަލް ހުށަހަޅައި އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށެވެ.

އަދި މިއީ މި ދައުރުގެ ތެރޭގައި ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހަދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅޭ އަމާޒަށް ވާސިލުވާން އެހީތެރިވެދޭނެ މުހިންމު މަޝްރޫއަކަށްވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ އަމާޒު ރައީސް މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ނޮވެމްބަރު މަހު ދުބާއީގައި ބޭއްވި ކޮޕް-28ގައެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ އެ މަނިކުފާނުގެ އަމާޒަށް ވާސިލުވުމަށް 600 މިލިއަން ޑޮލަރު ބޭނުންވާ ކަމަށްވެސް ވިދާޅުވެފައެވެ.