ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށް މިއަދު ކުރިއަށްދާ އިންތިހާބާ ގުޅޭ ބޮޑު މައްސަލައެއް ދިމާވެފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ 'ވަން' އަށް މިއަދު ވިދާޅުވީ، އިންތިހާބުގެ ކަންކަން ކުރިއަށްދަނީ އަމާންކަމާއި އޮމާންކޮށް ކަމަށެވެ. އަދި އިންތިހާބާ ގުޅޭ ބޮޑު މައްސަލައެއް ދިމާނުވި ނަމަވެސް ކުދިކުދި ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ހައްލު ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އޭގެ ތެރޭގައި ހިމެނެނީ ބައެއް ކެންޑިޑޭޓުން ވޯޓު ލެއްވުމަށްފަހު ނުކުމެ ވަޑައިގެން ވޯޓުލާ މަރުކަޒު ކައިރީގައި ތިބޭ މީހުންނާ ސަލާންކޮށް ވާހަކަދައްކާ މައްސަލަ، ދެން ވޯޓުގައި ފާހަގަޖެހުމަށްފަހު ކަރުދާސްކޮޅު ފަތްނުޖަހާ ދައްކައިގެން ވޯޓުލާ ޝަކުވާ، އޭގެ އިތުރުން ދެ ކެންޑިޑޭޓަކާ ގުޅޭ ގޮތުން ޖަގަހަ ހުޅުވި ޝަކުވާ އެއްވެސް އައި،" ހަސަން ވިދާޅުވިއެވެ.
ވޯޓުގެ ޓާން އައުޓާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، މިހާތަނަށް 48 ޕަސެންޓް މީޙުން ވޯޓުލާފައިވާއިރު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވޯޓުލާން ނުކުތް މީހުންނާ އެއްވަަރަށް މީހުން ނުކުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންނާ އެއްވަރުވާނެ ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވިއެވެ.
މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 5:30އާ ހަމައަށެވެ. އީސީން ބުނީ އެއްވެސް ހާލެއްގައި މިފަހަރު ވޯޓުލުމުގެ ވަގުތު އިތުރު ނުކުރާނެ ކަމަށެވެ.
މި ފަހަރުގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރާއިރު ޖުމުލަ 602 ވޯޓު ފޮށި ބަހައްޓާނެއެވެ. ކޮންމެ ވޯޓު ފޮއްޓަކަށް ވޯޓު ލެވޭނީ 500 މީހުންނަށެވެ. އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު