ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު މާދަމާ ކުރިއަށްދާތީ މާލޭގައި މާދަމާ ބަރު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.
މަޖިލިސް އިންތިހާބާ ގުޅޭ މައުލޫމާތު ދިނުމަށް އިންތިހާބާ ބެހޭ މައި މަރުކަޒުގައި އިލެކްޝަން ކޮމިޝަންއާއި ފުލުހުން ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ހެޑް އޮފް މާލެ ސިޓީ ޕޮލިސް ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ހުކުރު ދުވަހުން ފެށިގެން ފުލުހުންގެ އެލާޓް ސްޓޭޓަސް އެންމެ މަތިކޮށްފައިވާ ކަމަށާއި އިންތިހާބަށް ފުލުހުން ފޮނުވަން ޖެހޭ ހުރިހާ ފުލުހުން އެ ފޮނުވަން ޖެހޭ ތަންތަނަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ، މިއަދަކީ އިންތިހާބު ދުވަސްކަމުން މާލޭގެ ޓްރެފިކަށް ބާރުބޮޑުވާނެތީ ބަރު އުޅަނދު ދުއްވުން މަނާކޮށްފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ، އިންތިހާބުގެ ކަންކަން އޮމާންކޮށް ގެންދިއުމަށް އިތުރު ފުލުހުން ނެރެފައިވާ ކަމަށެވެ.
"އަތޮޅުތެރޭގައި ހަރަކާތްތެރިވާ ފުލުހުންގެ އިތުރުން މި އިންތިހާބަށް ސެކިއުރިޓީގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ގާތްގަނޑަކަށް 322 ފުލުހުން އިތުރަށް ފޮނުވިފައިވަނީ. އަދި މާލޭގައި މި ހިންގާ އޮޕަރޭޝަނަލީ ދާއިރާތަކަށް ގާތްގަނޑަކަށް 266 ފުލުހުން ފޮނުވިފައިވާނީ،" ޝަރީފް ވިދާޅުވިއެވެ،
ޝަރީފް ވިދާޅުވީ، އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކުރާނެ ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ވޯޓުލާ ތަންތަނުގައި ޓެންޓާއި ގޮނޑި ބެހެއްޓުން މަނާވާނެ ކަމަށެވެ.
މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ހަވީރު 5:30 އާ ހަމައަށެވެ.
މި ފަހަރުގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރާއިރު ޖުމުލަ 602 ވޯޓު ފޮށި ބަހައްޓާނެއެވެ. ކޮންމެ ވޯޓު ފޮއްޓަކަށް ވޯޓު ލެވޭނީ 500 މީހުންނަށެވެ. އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު