ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާދަމާ ދޭ ވޯޓަކީ ނަތީޖާ ނެރުމަށް ދޭ ވޯޓަކަށް ހެއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ކެމްޕެއިން ނިންމާލުމަށް މިއަދު ހަވީރު މާލޭގައި ބޭއްވި ހިނގާލުމަށް ފަހު އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ހުއްޓުވުމަކަށް ގެނެވޭނެ ކަމަށާއި، އެކަން ވުމަށް އެ މަނިކުފާނު ނޭދޭ ކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ކެންޑިޑޭޓުން މަޖިލީހަށް ހޮވައިދެއްވިފިނަމަ ތަރައްގީގެ ސްޕީޑް އެތައް ގުނައެއް އަވަސްވެ، ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއްގައި ނަތީޖާ ނެރެދެއްވާނެ ކަމަށެވެ.

"އަޅުގަނޑަށް މުހިންމީ ނަތީޖާ އެކަނި. ރައްޔިތުންނަށްވެސް އަޅުގަނޑަށް ހީވަނީ މުހިންމުވާނީ ނަތީޖާ އެކަނި. ނަތީޖާ ނެރުމުގައި އަޅުގަނޑު ބޭނުމެއް ނޫން އެންމެ ސިކުންތެއްވެސް ބާކީވެގެންދާކަށް. އެކަމަށް ދެއްވާ ވޯޓަކަށް މާދަމާ ދޭ ވޯޓު ހައްދަވާ. ނަތީޖާ ނެރުމަށް ދޭ ވޯޓަކަށް ހައްދަވާ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ސީރިއަސް މަސައްކަތެއް ކުރެއްވުމަށް ކަމަށާއި މަޖިލީހަށް ސަރުކާރުން ތާއީދުކުރާ 93 ކެންޑިޑޭޓުން އިންތިހާބުކުރަން ޖެހެނީ އެ ސަބަބަށްޓަކައި ކަމަށެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނު ރައްޔިތުންނަށް ދިން ޔަގީންކަމަކީ ވެވަޑައިގެންފައިވާ ވައުދުތައް ރަނުން ރަނަށް ފުއްދައިދިނުން ކަމަށާއި އެކަން ކުރުމަށް ސަރުކާރަށް އެއްބާރުލުންދޭ މަޖިލިސް މެންބަރުން މުހިންމު ކަމަށެވެ.

"ފަސް އަހަރު ދުވަހު އަޅުގަނޑުމެން ކީއްކުރަންތޯ އެހެން ވިސްނުމެއްގެ ބަޔަކަށް އެތަނުން ޖާގަ ދޭންވީ؟ ކޮން ކަމެއްތޯ ހާސިލުވާނީ؟ ހާސިލެއްނުވާނެ އެއްކަމެއްވެސް. އެއްކަމެއްވެސް ހާސިލެއް ނުވާނެ. ވާނީ ދެރަ" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދަތިތަކާއެކުވެސް މިވީ ދުވަސްތަކުގައިވެސް ސަރުކާރުން ނަތީޖާ ނެރެދެމުން އަންނަ ކަމަށެވެ.