ސަރުކާރު ކެންޑިޑޭޓުން ހިމެނޭ ރައްޔިތުންގެ މަޖިލީހަކުން ރައްޔިތުންނަށް ނަތީޖާ ނެރެދޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ކެމްޕެއިން ނިންމާލުމަށް މިއަދު ހަވީރު މާލޭގައި ބޭއްވި ހިނގާލުމަށްފަހު އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް އެތައް އުނދަގުލެއް ކުރެވިދާނެ ތަނެއް ކަމަށާއި ސަރުކާރު ކެންޑިޑޭޓުން ނޫން ބަޔަކު މަޖިލީހަށް ހޮވައިފިނަމަ ރައްޔިތުންނަށް ކޮށްދޭން ހުރި ކަންކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.
އެ މަނިކުފާނު ބޭނުންފުޅުވަނީ ނަތީޖާ ނެރެދެއްވުމަށްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުގެ ކެންޑިޑޭޓުން މަޖިލީހަށް ހޮވައިދެއްވައިފި ނަމަ ތަރައްގީގެ ސްޕީޑް އެތައް ގުނައެއް އަވަސްވާނެ ކަމަށެވެ.
"ސަރުކާރުގެ ކެންޑިޑޭޓުން ތިބޭ މަޖިލީހަކުން ރައްޔިތުން އެދޭ ހުރިހާ ކަމެއްގައި ނަތީޖާ ނެރެދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ހުއްޓުމަަކަށް ގެނެވޭނެކަން ތަކުރާރުކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުގެ ފިކުރު ނޫން އެހެން ބަޔަކަށް މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ، އެ ބަޔަކު އަމަލުކުރާނީ އެ ބައެއް ނިސްބަތްވާ ޕާޓީގެ އުސޫލުތަކާ އެއްގޮތަށް ކަމަށާއި އޭރުން އޭގެ ނިކަމެތިކަން ލިބޭނީ ރައްޔިތުންނާއި ގައުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށްވެފައިވާ ވައުދުތައް ރަނުން ރަނަށް ފުއްދޭނީ ސަރުކާރުގެ ކެންޑިޑޭޓުން މަޖިލީހުގައި ތިބެގެން ކަމަށެވެ. އެގޮތުން އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަވެސް ހައްލުވާނީ ސަރުކާރަށް އެއްބާރުލުންދޭ މަޖިލިސް މެންބަރުން ތިބެގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ނަތީޖާ ނެރުމަށް އެންމެ ސިކުންތެއްވެސް ބޭކާރުކުރެއްވުމަށް އެ މަނިކުފާނު ބޭނުންފުޅުނުވާ ކަމަށާއި އެހެންކަމުން މާދަމާ ނަގާ ވޯޓަކީ، ތަރައްގީއާއި ގައުމުގެ މިނިވަންކަމާއި ހަމަޖެހުމަށް ދެވޭ ވޯޓަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ.
ޚަބަރު
ޚަބަރު