މަހަށް ނުކުތް ފަހުން ހަބަރެއް ނުވެ ގެއްލިގެން އުޅޭ މ. މަޑުއްވަރި ދޯންޏާއި އޭގައި ތިބި މީހުން ހޯދަން އެމްއެންޑީއެފްގެ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯން ބޭނުންކުރަން ފަށައިފިއެވެ.

އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، 'ފަރިހި 2' ނަމަކަށް ކިޔާ އެ ދޯންޏާއި މީހުން ގެއްލިގެން ފުލުހުންގެ ފަރާތުން އެ މައުލޫމާތު ދިނީ ރޭ 10:45 ހާއިރެވެ. އަދި އެ ދޯނީގައި ތިބީ ތިން މީހުން ކަމަށްވެސް ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ، ރޭ ދަންވަރު އެމްއެންޑީއެފް ވައިބާރުން ޑްރޯން އެ ސަރަހައްދަށް އުދުއްސާލާފައިވާ ކަމަށް ބުންޏެވެ. މިއީ މިފަދަ އޮޕަރޭޝަނެއްގައި ޑްރޯން ބޭނުންކުރާ ފުރަތަަމަ ފަހަރެވެ. ނަމަވެސް އަދިވެސް އެ ދޯންޏާއި މީހުން ފެނިފައެއް ނުވެ އެވެ.

ޑްރޯންގެ އިތުރުން ދޯނި ހޯދުމަށް މ. މުލީގައި އޮންނަ ކޯސްޓްގާޑް ހާބާކްރާފްޓް 114 ރޭގެ 11:20 އިން ފެށިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކޯސްޓްގާޑުގެ ފާސްޓް އިންޓަސެޕްޓާ ކްރާފްޓް 'މާފަތް' ވެސް އެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.