ފަސް ރަށެއްގައި އެއާޕޯޓު ހެދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޒީމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހަސަން މުއުނީ އާއި ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހްމަދު ލަތީފެވެ.

މިނިސްޓްރީން ބުނީ އެއާޕޯޓް ހެދުމަށް ނިންމާފައިވަނީ ށ. މިލަންދޫ، ށ. ބިލެތްފަހި، ށ. ކޮމަންޑޫ، ތ. ގުރައިދޫ އަދި ތ. ވިލުފުށީގައި ކަމަށެވެ.

އެ ފަސް ރަށުގައި އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި ސަވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސިއާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ފަސް މަޝްރޫއުގެ އިތުރު ތަފުސީލު އަދި މިނިސްޓްރީން ވެސް އެމްޓީސީސީން ވެސް ހާމައެއް ނުކުރެއެވެ.