އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވުމުގެ ސަބަބުން ކުރިމިނަލް ކޯޓުންކުރި 11 އަހަރުގެ ހުކުމް، ހައި ކޯޓުން ބާތިލުކުރުމުން އެނގިގެންދަނީ މި ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ، ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކުރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ކުރި 11 އަހަރުގެ ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ނިމި ފަސް މަސް ފަހުން މިއަދު ވަނީ އެ މައްސަލައިގައި ހުކުމްކޮށްފައެވެ. ހައި ކޯޓުން އެ މައްސަލައިގައި ހުކުމްކުރީ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުންކުރި ހުކުމް ބާތިލު ކުރުމަށާއި އަލުން އެ މައްސަލަ ބެލުމަށް ކުރިމިނަލް ކޯޓަށް ފޮނުވުމަށެވެ.
ޔާމީންގެ ޖަލު ހުކުމްތަށް ހައި ކޯޓުން ބާތިލުކުރުމުން އަބްދުއްރަހީމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވައިފައެވެ.
"ދިވެހީންގެ ރާއްޖޭގައި ހަމަ ކޮންމެ މީހަކަށްވެސް ތަފާތު ކުރުމެއްނެތި އަދުލު އިންސާފު ލިބޭނެކަން މަނިކުފާނު ކަށަވަރުކޮށް ދެއްވައިފީމު. ޝަރުއީ ދާއިރާ އަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންކަމާ އެކު ޝަރީއަތް ކުރުމުގެ ފުރުސަތު އޮތް ދާއިރާއެއްކަން ޔަގީންކޮށް ދެއްވައިފީމު،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ދިވެހީން ބޭނުންވަނީ ރައީސް މުއިއްޒު ފަދަ ފަދަ ބަހާއި އަމަލާ ދިމާވާ ވެރިއެއް ކަމަށެވެ.
ޖަލު ހުކުމްތައް ބާތިލުކުރުމުން، ހައި ކޯޓުގެ ބޭރުގެ ހުންނަވައި ނޫސްވެރިންނާ މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވީ އެ މަނިކުފާނު މިނިވަންވުމުން ރައީސް މުއިއްޒަށް، އަބްދުއްރަހީމް ޝުކުރު އަދާކުރެއްވުން އެއީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ލުއި ލިބުނު ފަރާތުގެ ހައިސިއްޔަތުން އެ ލުއި ލިބުނީ ރައީސް މުއިއްޒާއި ސަރުކާރުގެ އިހުސާންތެރިކަމުގެ ސަބަބުން ކަމަށް ނޫން ކަމަށެވެ.
ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ އިސްތިއުނާފީ މައްސަލަތައް ލަސްކުރެއްވީ ރައީސް މުއިއްޒު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު