ކާރިސާތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމާއި ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީ ދިނުމުގެ ގަވާއިދެއް އާންމުކޮށް، އެފަދަ ހާދިސާތަކުގައި އާއިލާތަކަށް ލިބޭ ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ދޭ ފައިސާގެ އެހީ އިތުރުކޮށްފިއެވެ.
ކާރިސާތަކާ ގުޅިގެން މީގެ ކުރިން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އަމަލުކުރަމުން އައީ ގައިޑްލައިނެއްގެ ދަށުންނެވެ. ނަމަވެސް އިއްޔެ ވަނީ ކާރިސާތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭ ގަވާއިދެއް ގެޒެޓުކޮށްފައެވެ.
އާ ގަވާއިދުގައި ވަނީ ކާރިސާއެއް ދިމާވެއްޖެ ނަމަ، އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ރިލީފް އެހީ ދިނުމުގައި މަދުވެގެން ހުންނަންޖެހޭ މިންގަނޑުތަކާއި ގޯތިގެދޮރާއި ހިފާ ގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުމަށް ދެވޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މިންގަނޑު ބަޔާންކޮށްފައެވެ. އަދި ގެއްލުން ދެނެގަތުމަށް އެސެސްމަންޓް ހަދާނެ ކަމަށްވެސް ބުނެފައިވެއެވެ.
އާ ގަވައިދުގެ ދަށުން ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ އަގު 79،999 ރުފިޔާއަށް ވުރެ ދަށްނަމަ، އެހީގެ ގޮތުގައި 75 ޕަސެންޓް ދޭނެއެވެ. މީގެ ކުރިން ދެމުން އައީ 20 ޕަސަންޓެވެ. އަދި ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުން 80،000 ރުފިޔާ އަށް ވުރެ އިތުރު ނަމަ، އެހީގެ ގޮތުގައި 60،000 ރުފިޔާ ދޫކުރާނެއެވެ. މީގެ ކުރިން ދެމުން އައީ 16،000 ރުފިޔާއެވެ.
ގޯތި ގެދޮރަށް ލިބުނު ގެއްލުމުގެ ތެރެއިން 149،999 ރުފިޔާ އަށްވުރެ ތަނަށް ލިބުނު ގެއްލުން ކުޑަ ނަމަ، އެހީގެ ގޮތުގައި 75 ޕަސެންޓް ދޭނެ ކަމަށް ގަވައިދުގައި ބުނި ނަމަވެސް މީގެ ކުރިން އަމަލުކުރި ގައިޑްލައިންގައިވާ ގޮތުން ޖުމުލަ އަގު ވަނީ ދީފައެވެ.
މީގެ އިތުރުން ގޯތި ގެދޮރަށް ލިބުނު ގެއްލުމުގެ އަގުގެ 150،000 ރުފިޔާ އަށް ވުރެ އިތުރު ނަމަ، 150،000 ރުފިޔާ ލިބޭނެ ކަމަށް އާ ގަވައިދުގައި ބުނާއިރު މީގެ ކުރިންވެސް އަމަލުކުރަމުން އައީ އެގޮތަށެވެ.
ގަވާއިދުގައި އިތުރަށް ބުނީ، ކާރިސާއެއްގެ ސަބަބުން ޒަރޫރީ ބޭނުންތަކަށް ބުރޫއެރުމާއި ހާލަތާ ގުޅިގެން ދިރިނޫޅެވޭ ވަރަށް ގެދޮރު ހަލާކުވުމާއި އެ ވަގުތުގެ ހާލަތާ ގުޅިގެން ދިރިއުޅެމުން ދިޔަ ތަނުން ވަގުތީ ގޮތުން ނުކުންނަން ޖެހިއްޖެ ނަމަ، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި ނުވަތަ އެކަމަށް ހަރަދު ދެވިދާނެ ކަމަށެވެ. ނަމަވެސް ވަގުތީ ބޯހިޔާވަހިކަން އެންމެ ގިނަވެގެން ފޯރުކޮށްދެވޭނީ 30 ދުވަހަށް ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު