އަންނަ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ ވަގުތު އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމަވައިފިއެވެ.
އެ ކޮމިޝަނުން އެގޮތަށް ނިންމީ މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމެއްގައެވެ.
މީގެ ކުރިން ވޯޓުލާ ވަގުތުގެ ގޮތުގައި އީސީން ކަނޑައަޅާފައި އޮތީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. އެއީ 4:00 ގައި ކިއުތައް ބަންދުކުރާ ގޮތަށެވެ. ނަމަވެސް ވޯޓު ލުމުގެ ވަގުތު ހެނދުނު 8:00 އިން ހަވީރު 5:30 އާ ހަމައަށް އިތުރު ކުރަން އީސީން ނިންމާފައި މިވަނީ ގައުމީ ލަފާދޭ ކޮމިޓީން އިއްޔެ ދިން ލަފައާ ގުޅިގެންނެވެ.
އިއްޔެ ބޭއްވި ލަފާދޭ ކޮމިޓީގެ ބައްދަލުވުމަށް އެ މައްސަލަ ހުށަހެޅުއްވީ އީސީގެ ރައީސް ފުއާދު ތައުފީގެވެ. އޭނާ ވިދާޅުވީ، މި ދުވައްވަރަކީ ވިއްސާރަ ދުވަސް ވަރަކަށްވާއިރު، ވޯޓުލާން އިތުރު ފުރުސަތު ދިނުމުގެ ގޮތުން އިންތިހާބުގެ ވޯޓުލާ ދުވަހުގެ ވަކި ހިސާބަކުން ވޯޓުލާ ވަގުތު އިތުރުކުރުމުގެ ބަދަލުގައި، ކުރީބައިގައި އެކަމަށް ގޮތެއް ކަނޑައެޅުން މުހިންމު ކަމަށެވެ.
މި ފަހަރުގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރާއިރު ޖުމުލަ 602 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު