މަޝްއަރު ޓުއާސްގެ ނަމުގައި ރަޖިސްޓްރީނުކޮށް ހިންގާ ގުރޫޕެއްގެ ހަވާލުގައި މިދިޔަ ރޯދަމަހު އުމްރާއަށް ދިޔަ ދިވެހިންތަކަކަށް ނުފުރި މައްކާގައި ތާށިވެއްޖެއެވެ.
މިދިޔަ އަހަރުގެ ރޯދަމަހު ވެސް މަޝްއަރު އެޖެންސީގެ ވެރިޔާ އަލީ ފާރިޝްގެ މިފަދަ މައްސަލައެއް ފެންމަތިވިއެވެ. އެ ފަހަރު އެ ގުރޫޕުން މީހުން އުމްރާއަށް ގެންދިޔައީ މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ނަމުގައެވެ. އެއީ 138 މީހުންނެވެ. ނަމަވެސް އެ މީހުންގެ ޓިކެޓަށްވާ ފައިސާ ނުދައްކައި ލަސްކޮށް، އެންމެ ފަހުން ޗެކް ބައުސްވުމުން އުމްރާވެރިން މައްކާގައި ތާށިވި މައްސަލާގައި އެ ގްރޫޕްގެ ހުއްދަ މިނިސްޓްރީން ބާތިލްކުރިއެވެ.
އެހެންވެ، މި އަހަރު އަލީ ފާރިޝް މީހުން އުމްރާއަށް ގެންދިޔައީ މަޝްއަރު ޓުއާސްގެ ނަމުގައި ޓްރެވަލް އެޖެންސީއެއް ހަދައިގެންނެވެ. އެ ގުރޫޕުގެ ހަވާލުގައި 50 އެއްހާ މީހުން މިދިޔަ ރޯދަމަހު އުމްރާއަށް ދިޔައިރު، އެއީ ރަޖިސްޓަރީ ކޮށްފައިވާ ޓްރެވަލް އެޖެންސީއެއް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.
މަޝްއަރު ޓުއާސްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުންނަށް ނުފުރި މައްކާގައި ތާށިވި އިރު، އެ އެޖެންސީއަށް މި ފަހަރު ޓިކެޓް ވިއްކި އޭޖެންޓް އޭސް ޓްރެވަލްސް އިން ވަނީ ކަނޑައެޅި މުއްދަތުގައި އެ އެޖެންސީން ފައިސާ ނުދެއްކުމުން ރިޓާން ޓިކެޓުތައް މިދިޔަ މަހު ފަހުކޮޅުގައި ކެންސަލްކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަޝްއަރު ގުރޫޕުން މިހާރު ވަނީ ފައިސާ ހުރި ނަމަ އަމިއްލަ ހަރަދުގައި ރިޓާން ޓިކެޓު ނަގައިގެން ފުރުމަށާއި އެ ފައިސާ 30 ދުވަހުގެ ތެރޭގައި އަނބުރާ ދޭނެ ކަމަށް އުމްރާވެރިންނަށް އަންގައިފައެވެ. ނަމަވެސް އެ އެޖެންސީގެ ހަވާލުގައި ދިޔަ މީހުން ވަނީ އުމްރާއަށް ފުރުމުގެ ކުރިން ދެކޮޅު ޓިކެޓަށްވާ ފައިސާވެސް ދައްކައިފައެވެ.
މި މައްސަލައާ ގުޅިގެން ވަކި ގުރޫޕެއްގެ ނަން ފާހަގަނުކޮށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި އަމަލުކުރަމުން އަންނަ ރަސްމީ އުސޫލުތަކާއި ހިލާފަށް މީހުން އަތުން ލާރި ނަގައި އެ އަށް އިހުމާލުވަމުން ދާ ޖަމާއަތެއްގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް މިއަދު ފުލުސް އޮފީހަށް ހުށަހަޅާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު