ހުޅުމާލޭގައި މިދިޔަ ސަރުކާރުން ހަދަން ފެށި ފްލެޓް މަޝްރޫއުގެ ސްކޯޕްގައި މުހިންމު ބައިތައް ހިމަނާފައިނުވާތީ އެ ކަންކަން ފުރިހަމަކުރަން އިތުރު 454.5 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ހޯދައިގެން ހަދާ 4،000 ފްލެޓު ހިމެނޭ 32 ޓަވަރު ދަނީ ހަދަމުންނެވެ. އޭގެ ތެރެއިން 2،000 ފްލެޓް ހިމެނޭ 16 ޓަވަރު ހަވާލުކުރީ ޖޭއެމްސީއާއެވެ. އަނެއް 2،000 ފްލެޓް ހިމެނޭ 16 ޓަވަރު ހަވާލުކުރީ އެންބީސީސީއާއެވެ. އެއީ އިންޑިއާގެ ދެ ކުންފުންޏެވެ.
ހަމްދާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަޝްރޫއުގެ ސްކޯޕްގެ ތެރޭގައި ޓަވަރުތައް ޕަވާ ގްރިޑަށް ގުޅާލުމާއި ސެކިއުރިޓީ ސިސްޓަމްތަކާއި ޓަވަރުތަކާއި ކުއްޔަށް އުޅޭ މީހުންނަށް އިންޓަނެޓާއި އެހެނިހެން މީޑިއާ ކަނެކްޓް ކުރެވޭނެ ގޮތަށް ޖީޕީއޯއެން ނެޓްވޯކް އަދި ކުނި ނައްތާލުމުގެ ނިޒާމާއި ލޭންޑްސްކޭޕިންގެ މަސައްކަތްތައް ފަދަ މުހިންމު ވަސީލަތްތައް ހިމަނާފައި ނުވާ ކަމަށެވެ.
އެހެންވެ އެ މަސައްކަތްތައް ނިންމުމަށް 454.5 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާތީ ސަރުކާރާ ގުޅިގެން އެކަމަށް ފައިނޭންސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ހަމްދާން އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުން އެ ފްލެޓްތަކުގެ މަސައްކަތް ފެށުމަށް ފަހު، 22 މަސް ދުވަހުގެ ތެރޭގައި 216 ސްލެބު ޖަހާފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރަށް މި ވީ ހަތަރު މަސް ދުވަހުގެ ތެރޭގައި އެކަނިވެސް 192 ސްލެބު ޖަހައި، މަސައްކަތްތައް އަވަސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު