އިރާނުން ދިން ހަމަލާގެ ޒިންމާ ނަގަންޖެހޭނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށް ތުރުކީގެ ރައީސް ނަޖީބް ތައްޔިބް އުރުދުގާން ވިދާޅުވެއްޖެއެވެ.

އުރުދުގާން އެގައުމުގެ ޓީވީ މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައި ވަނީ އާދީއްތަ ދުވަހު މުޅި މެދުއިރުމަތި ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓުމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ނާގާބިލް ސަރުކާރުން ކަމަށް ވިދާޅުވެފައެވެ.

އުރުދުގާން ވެފައިވަނީ ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ ލީޑަރުންގެ ތެރެއިން އިޒްރޭލާ ދެކޮޅަށް ބަސްބުނަން ކެރިވަޑައިގަންނަވާ ވަރުގަދަ ލީޑަރެއްގެ ގޮތުގައެވެ.

އިޒްރޭލަށް ފާޑުވިދާޅުވުމަށްފަހު އުރުދުގާން ވަނީ މި ހުރިހާ ދުވަހު އިޒްރޭލުން ހިންގަމުން ގެންދިޔަ އިންސާނިއްޔަތާ ހިލާފު އަމަލުތަކަށް ބީރުކަންފަތެއް ދިނުމަށްފަހު އިރާނުން ހަމަލާ ދިނުމުން ކަންބޮޑުވި މީހުން ކުށްވެރި ކުރަންވީ ނަތަންޔާހޫ ކަމަށްވެސް ވިދާޅުވެފައެވެ.

ތުރުކީން މީގެ ކުރިން ވަނީ އިރާނުން ހަމަލާ ދިނުން އެއީ މެދުއިރުމަތި އެއްކޮށް ހަނގުރާމަ އަކަށް ވެއްޓުން ކަމުގައި ސިފަކޮށް ހުރިހާ ދިމާލަކުންވެސް ހަމަލާތައް ހުއްޓާލައި މެދުއިރުމަތި އަމާން ކުރުމަށް ގޮވާލައިފައެވެ.