ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ސުލްހަވެރިކަމާއެކު އަދި ހަމަޖެހިގެން ނިންމާލުމަށް އެދިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ އާދީއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ހިންނަވަރަށް ވަޑައިގެން ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ ކެމްޕޭން ކުރިއަށް ގެންދިއުމަށް ދެން އޮތީ މަދު ދުވަސްކޮޅެއް ކަމަށާއި އެމްޑީޕީން ކުރަންވީ ކަމަކީ ފޯކަސް ގެއްލުވާނުލައި އެމްޑީޕީގެ ސިޔާސަތުތައް ރައްޔިތުންނަށް ސާފުކޮށް ދިނުން ކަމަށެވެ. އަދި މިއީ ވާދަވެރި ކެމްޕޭނެއް ނަމަވެސް ބޭނުންވަނީ އެއްވެސް ބަޔަކާ ދެކޮޅުނުވެ ސުލްހަވެރިކަމާއެކު ކެމްޕޭން ނިންމާލުމަށް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް އުފާވޭ ވާދަވެރި އިންތިހާބެއް ކުރިއަށްދާތީ. އެހެން ނަމަވެސް އެ އިންތިހާބު ކުރިއަށްދާން ވާނީ، ހަމަގައިމުވެސް އެމްޑީޕީވެސް އަޅުގަނޑުމެން އެދެނީ ސުލްހަވެރިކަމާއެކީގައި، ހަމަޖެހުމާއި އެކީގައި، ވާދަވެރިކޮށްދިޔަ ނަމަވެސް އެއްބަޔަކު އަނެއްބަޔަކާ ދޭތެރޭ ނަފުރަތެއް، ރުޅިވެރިކަމެއް ނެތި ރީތިކޮށް ގެންގޮސް މި އިންތިހާބުގެ ކެމްޕެއިން ނިންމާލަން،" ސޯލިހު ވިދާޅުވިއެވެ.
މި ސަރުކާރަށް ފާޑު ވިދާޅުވެ ސޯލިހު ވިދާޅުވީ، ސަރުކާރުން ގެންދަނީ މަޖިލިސް އިންތިހާބާ ދިމާކޮށް، ރައްޔިތުންނަށް އެކި ގޮތް ގޮތުން ބިރު ދައްކަމުން ކަމަށާއި އެގޮތުން ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށެވެ. އަދި ކަރަންޓަކީ މި ޒަމާނުގައި އަސާސީ ހިދުމަތަކަށްވާއިރު ޕީއެންސީން ދަނީ އެ ހިދުމަތް ހަމައެކަނި ޕީއެންސީގެ މެމްބަރުންނަށް ދިނުމަށް ސަރުކާރަށް ގޮވާލަމުން ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު