ލަންކާގެ ދެކުނުން 179 ކިލޯގެ ހެރޮއިން އަތުލައިގެންފިއެވެ.

ލަންކާ ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތުގެ އެހީގައި އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހިންގި އޮޕަރޭޝަނެއްގައި އެ މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ލަންކާގެ ދެކުނު ދޮންޑްރާ އައްސޭރިފަށުން 246 ކިލޯމީޓަރު ދުރުން ދުއްވާފައި ދިޔަ އުޅަނދެއްގެ ތެރެއިންނެވެ.

އެ މައްސަލާގައި އެ އުޅަނދުގައި ތިބި ހަ މީހުންނާއި މަސްތުވާތަކެތި ނަގަން ދިޔަ ހަތަރު މީހަކު ހައްޔަރުކޮށްފައިވާ އިރު، ލަންކާ ފުލުހުން ވަނީ އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 3.7 ބިލިއަން ލަންކާ ރުޕީސްއަށް އަރާނެކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

ލަންކާގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކަންކަން ހިނގަމުންދާތީ އެ ގައުމުގެ ކަނޑުގެ ސިފައިން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.